ޗައިނާގެ ޝެންހާއީގައި މާދަމާ ފަށައި 14 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފެތުން ތެރިންގެ ޓީމް މިއަދު ފުރައިފި އެވެ.

މުބާރާތުގައި ރާއްޖެއިން ތިން ފެތުންތެރިއަކު ބައިވެރިވެ އެވެ. އެއީ ހަސަން އިނާޔަތު އާއި އަހުމަދު ހުޝާމް އަދި އައިމިނަތު ސަޖަން އެވެ. އެ ތިން ފެތުން ތެރިންނާއެކު ކޯޗެއްގެ ގޮތުގައި ޝެންހާއީ އަށް ދިޔައީ އިސްމާއިލް ފަރުހާނެވެ.

މުބާރާތުގައި ހަސަން އިނާޔަތު ވާދަކުރާނީ 50 މީޓަރ ބަޓަރ ފްލައި އަދި 100 މީޓަރ ފްރީސްޓައިލް ބައިގައެވެ. އަހުމަދު ހުސާމް ވާދަކުރަނީ 50 މީޓަރ ބެކް ސްޓްރޯކް އަދި 50 މީޓަރ ފްރީސްޓައިލް ބައިގައެވެ. އަދި މުބާރާތުގައި ރާއްޖެއިން ވާދަކުރާ އަންހެން ފެތުން ތެރިޔާ ވާދަކުރަނީ 50 މީޓަރ ފްރީސްޓައިލް އަދި 50 މީޓަރ ބަޓަރ ފްލައި ބައިގައެވެ.

މީގެއިތުރުން ޝެންހާއީގައި މިމަހުގެ 22 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ފީނާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވުމަށް މިއަދު ފުރި ޓީމާއެކު ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު ވެސް މިއަދު ޓީމާ އެކު ވަނީ ފުރައިފަ އެވެ.