13 Jul 2017, 15:11
ކުޑަކުދިންނަށް ގޯނާކުރާ މައްސަލަތައް ރިޕޯޓްކުރުމަށް ޖެންޑާ މިނިސްޓްރީ އާއި ޔުނިސެެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސަސް ގުޅިގެން މޮބައިލް އެޕްލިކޭޝަނަކާއި ހޮޓްލައިންއެއް މިއަދު ތައާރަފްކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޕްލިކޭޝަނާއި ހޮޓްލައިން ތައާރަފްކޮށްދެއްވީ ޔުނިސެފްގެ ރީޖިނަލް ޑިރެކްޓަރ ފޯ ސައުތު އޭޝިޔާ މިސް ޖީން ގޯފެވެ.
"އަހަން" ގެނަމުގައި ތައްޔާރުކޮށްފައިވާ އެ އެޕްލިކޭޝަން އައިއޯއެސް އަދި އެންޑްރޮއިޑުންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އެ އެޕްލިކޭޝަން ތައްޔާރު ކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިންނެވެ.

ކުޑަކުދިންނަށް ގޯނާ ކުރާ މައްސަލަތައް ރިޕޯޓް ކުރުމަށް ހޮޓްލައިނަކާއި އެޕެލިކޭޝަނެއް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ޕޮލިސް
"1412" ގެނަމުގައި ހިލޭގުޅޭ ކޯލްސެންޓަރެއް ގާއިމްކޮށްފައިިވަނީ ކުޑަކުދިންނާމެދު ހުށަހެޅޭ މައްސަލަތަކުގައި ހަރުދަނާ އުސޫލެއް ގާއިމުކުރުމުގެ މަގްސަދުގައި ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އެކޯލްސެންޓަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް އަދި ޔުނިސެފުންވަނި މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޯލްސެންޓަރަށް ރިޕޯޓްކުރާ މައްސަލަތައް ކޯލް މެނޭޖްމަންޓް ސޮފްޓްވެއާއެއް މެދުވެރިކޮށް ވަގުތުން އަޕްޑޭޓްކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.
ކޯލްސަންޓަރާއި، މޮބައިލް އެޕްލިކޭޝަން އަދި މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ސާވިސަސް ލިންކު ކުރެވިފައިވުމުން ކަމާބެހޭ އިދާރާތްތައް އެކުގައި މަސައްކަތްކުރުމަށް ފަސޭހަވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
އެރަސްމިއްޔާތުގައި ވާހަކަ ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މޮބައިލް އެޕްލިކޭޝަނަކާއި ހޮޓްލައިނެއް ގާއިމްކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތައް ހޮޓްލައިން މެދުވެރިކޮށް ރިޕޯޓު ކުރުމުގައި ފަސްނުޖެހުމަށް އަޒްލީން ވަނީ އިލްތިމާސްކުރައްވާފައެވެ.