މާލޭ ލީގުގެ އެއްވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު މާޒިޔާއަށް ދުލެއް ނުދޭނެ ކަމަށް ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.

ގްރީން ސްޓްރީޓްސްއަކީ މިސީޒަނުން ފެށިގެން ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުންދާ ކްލަބެއް ކަމަށްވިޔަސް، އެ ކްލަބުން ވަނީ މާލޭ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

ލީގު ތާވަލުގައި ގްރީން އޮތީ 21 ޕޮއިންޓާއެކު ހަތަރުވަނާގައެވެ. ތިންވަނާގައި އޮތް އީގަލްސްއަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ގްރީނަށްވުރެ ކުރީގައި އީގަލްސް އޮތީ ގޯލުގެ ތަފާތުންނެވެ. އީގަލްސްއާއި ގްރީންގެ ފަހަތުން ފަސްވަނާގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް 12 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. އެ ތިން ޓީމަކީ ލީގުގެ ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ ކަށަވަރުކުރުމަށް މަސައްކަތްކުރާ ތިން ޓީމެވެ.

މާޒިޔާއާ ދެކޮޅަށް ލީގުގެ ދެވަނަ ބުރު މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން ގްރީންގެ ކޯޗު ސޮބާ ބުނީ، އެ ޓީމު ކުޅޭނީ މޮޅެއް ހޯދަން ކަމަށާއި ޕޮއިންޓެއް ނަމަވެސް ހޯދޭތޯ މަސައްކަތްކުރާނެ ކަމަށެވެ. ލީގުގައި މާޒިޔާ ދެ ބަލިވެފައިވީ ނަމަވެސް، އެއީ މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކްލަބު ކަމަށް ވެސް އޭނާ ގަބޫލުކުރެއެވެ.

"މެޗަކުން ބަލިވެދާނެ. އެމީހުން އޭއެފްސީ ކަޕްގައި ބައިވަރު މެޗުތަކެއް ކުޅުނީމަ ވަރުބަލިކަން ހުރެދާނެ. ކުރިއަށްއޮތް މެޗަކީ އާ މެޗެއް. މާޒިޔާއިން އެ މަސައްކަތް ކުރަނީ ލީގު ހޯދަން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރަން. މާޒިޔާ އަތުން ޕޮއިންޓެއް ވިޔަސް ހޯދޭތޯ. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ދުލެއް ނުދޭނަން. މަސައްކަތް ކުރާނީ މޮޅުވެވޭތޯ. އެންމެ ކުޑަމިނުން ޕޮއިންޓެއް ހޯދޭތޯ،" އޭނާ ބުންޏެވެ.

ސޮބާ ބުނީ، ވަރުގަދަ ޓީމުތަކަށް ގަދަ ހަތަރެއްގައި ނޯވެވިގެން އުޅެނީ ގްރީން ކުރިއަށް ޖެހިގެން އުޅޭތީ ކަމަށާއި ގްރީނުން މެޗުތަކުން ނަތީޖާ ނެރެނީ ރަނގަޅު އެޓޭކިން ކުޅުމެއް ދައްކައިގެން ކަމަށެވެ. އަދި އެ ޓީމުން ނަތީޖާތައް ނެރެނީ ފަހަތުގައި ފާރެއްހެން އަތުރައިލައިގެން ކުޅެގެން ނޫންކަމަށް ވެސް އޭނާ ބުންޏެވެ.

"ބާކީ ދެ މެޗު މިއޮތީ. މިހާރު މާޒިޔާ، ނިއު ރޭޑިއަންޓް ނަގާފައި ތިން ޓީމު މި ގަދަ ހަތަރަކަށް އަރަން ތަޅާފޮޅަނީ. އަޅުގަނޑު ބުނާނީ ފަހު ސިކުންތާ ހަމައަށް، ފަހު މެޗާ ހަމައަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަމޭ. ކުރިން ވިކްޓަރީ މެޗުން ބަލިވެފަ، ފަހުން ޔޫވީ މެޗުން މޮޅުވުން އެއީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަދި މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު އެއީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ބުންޏެވެ.

ލީގުގެ ދެވަނަ ބުރުގައި މާޒިޔާއާ ދެކޮޅަށް ގްރީން ނުކުންނަން ޖެހޭނީ މިއަދު ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.