13 Jul 2017, 15:33
ހދ. ހަނިމާދޫގައި ހުރި އުތުރު ވީސީއޯ ޕްލާންޓް (ކާށިތެޔޮ ފެކްޓްރީ) 10 އަހަރު ދުވަހަށް ކުއްޔަށް ދޭން ނިންމައިފި އެވެ.
ކާށި ބޭނުން ކޮށްގެން އެކި ކަހަލަ ތަކެތި ތައްޔާރުކުރުމަށް ހަނިމާދޫގައި ކާށިތެޔޮ ފެކްޓްރީއެއް ގާއިމްކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު އެ ފެކްޓްރީ ހިންގީ ހަނިމާދޫ އަންހެނުންގެ ކޮމެޓީއާ ހަވާލު ކޮށްގެންނެވެ.
ހަނިމާދޫ ކާށިތެޔޮ ފެކްޓްރީން ތައްޔާރު ކުރި ތަކެތީގެ ތެރޭގައި ބިސްކޯދު، ލޯޝަން، ކާށިތެޔޮ އަދި ސައިބޯނި ފަދަ ތަކެތި ހިމެނެ އެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ މިއަދު ސަން އަށް ވިދާޅުވީ، ދެ އަހަރެއްހާ ދުވަސް ފަހުން، ފެކްޓްރީން އުފައްދާ ތަކެއްޗަށް އެކަށީގެންވާ މާކެޓެއް ނުލިބި، ވިޔަފާރި ދަށްވުމުގެ ސަބަބުން އެ ފެކްޓްރީގެ މަސައްކަތް އަންހެނުން ކޮމެޓީން ހުއްޓާލީ ކަމަށެވެ.
އަދި ބިޑް އުސޫލުން އަލުން އެތަން ހިންގާނެ ބަޔަކު ހުޅުވާލައި، ދެން އެތަން ހިންގަންފެށީ ހަނިމާދޫ ރައްޔިތެކެވެ. ނަމަވެސް އެ ފަރާތަށް ވެސް މާކެޓް ކުރުމުގެ ދަތިތަކެއް ކުރިމަތިވެ ފެކްޓްރީގެ މަސައްކަތްތައް ހުއްޓާލަން ޖެހުމުން ދެން ފެކްޓްރީ ހިންގުމަށް ހަވާލުކުރީ ކައުންސިލަށެވެ.
އެ މަސައްކަތް ކައުންސިލާ ހަވާލުކުރީ އެގްރިކަލްޗަރު މިނިސްޓްރީގެ ފަރާތުން 2014 ވަނަ އަހަރުގެ ތެރޭގައި ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެ އެވެ.
އަގުބޮޑެތި މެޝިނަރީތަކެއް ހުރި އެ ފެކްޓްރީ ހިންގާނެ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 އަށް އެ އިދާރާއަށް ވަޑައިގަތް މައުލޫމާތު ސާފު ކުރެއްވުމަށް އެދޭ ކަމަށެވެ.
އަދި މައުލޫމާތު ސާފު ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ބިޑްތައް ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.
ބިޑް ހުށަހަޅަން ޖެހެނީ މިމަހުގެ 24 ވަނަ ދުވަހުގެ 11:00 އަށެވެ. އަދި ބިޑް ހުށަހަޅާއިރު ޕެންޝަން ސްކީމަށާއި ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ ގަވާއިދުން ފައިސާ ދައްކަމުން ގެންދާ ފަރާތެއްކަމާއި އެފަދަ ފަރާތެއް ނޫންނަމަ، ނޫންކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.