ރަންބީރު ކަޕޫރު އުފައްދާ ފިލްމަކުން ގެއްލުންވެއްޖެ ނަމަ އޭގެ ބަދަލުދޭނެ ކަމަށް ބުނެފި އެވެ.

ރަންބީރު ބުނި ގޮތުގައި ހަމައެކަނި ފައިދާ ހޯދަންޖެހޭނީ ޕްރޮޑިއުސަރުންނޫން ކަމަށާއި އަދި ފައިދާ ހުރިހާއެންމެން ވެސް ހިއްސާކުރަން ޖެހޭ ކަމަށެވެ.

ރަންބީރު ކަޕޫރު މިހެންބުނެފައިމިވަނީ އޭނާ އުފައްދާ ފުރަތަމަ ފިލްމު "ޖައްގަ ޖާސޫސް" ޕްރޮމޯޓުކުރަން ބޭއްވި ރަސްމިއްޔާތުގައި ރިޕޯޓަރަކު ސަލްމާންހާންގެ އެންމެ ފަހުގެ ފިލްމު ޓިއުބަލައިޓް ނާކާމިޔާބު ވުމުން ޑިސްޓްރިބުޓަރުންނަށް ބަދަލުދޭން ސަލްމާން ނިންމުމުން އެކަމާ ރަންބީރު ދެކެނީ ކިހިނެއްތޯ އެހުމުންނެވެ.

"މިކަން ހިނގާތާ މިހާރު ކިތަންމެ އަހަރެއް ވެއްޖެ. އަހަރެންގެ ކާފަ ފިލްމު އުފެއްދި އިރު ހަމައެކަނި ފިލްމުން ލާރި ލިބެނީ ޕްރޮޑިއުސަރަކަށް ނޫން. ފިލްމުދައްކާ ފަރާތްތަކާއި ޑިސްޓްރިބިއުޓްކުރާ ފަރާތްތަކަށް ވެސް އޭގެން ލާރިލިބޭ. މިއީ އޭގެ ޒާތުގައި އެކަން އޮންނަން ޖެހޭނެ ގޮތް. އެއްބަޔަކަށް ގެއްލުންލިބޭ އިރު އަނެއްބައްގެ އަތުގައި ލާރި ހުރި ނަމަ ބަދަލު ދިނުމަކީ ވަރަށް ރަނގަޅުކަމެއް،" ރަންބީރު ބުންޏެވެ.

ރަންބީރު އިތުރަށް ހާމަކުރި ގޮތުގައި ފިލްމުތަކުން ގެއްލުންލިބޭ ނަމަ ބަދަލުދިނުމަކީ އޭނާގެ އާއިލާ ތެރޭގައި ހިނގަމުންދާ އުސޫލެކެވެ.

"ރާޖްކަޕޫރުގެ "މޭރާ ނާމް ޖޯކަރު" އިން ވަރަށް ބޮޑު ގެއްލުން ދެއްކި. އެކަމާ ހުރެ ފިލްމު "ބޮބީ" ނެރުނު އިރު ފިލްމު ދައްކާފަރާތްތަކަށާއި އަދި ޑިސްޓްރިބިއުޓަރުންނަށް ފިލްމުން ލިބުނު ބޮޑު ބަައެއް އެމީހުންނަށް ދިން. އެހެންވީމާ އަހަރެންގެ ފިލްމަކުން ބަޔަކަށް ގެއްލުންވެފައި އަހަރެންގެ އަތުގައި ލާރި ހުރި ނަމަ އަހަރެން ހަމަގައިމު ވެސް ބަދަލުދޭނަން،" ރަންބީރު ބުންޏެވެ.

ޖައްގާ ޖާސޫސަކީ އަނޫރާގް ޑައިރެކްޓުކޮށް ރަންބީރު އެކްޓުކޮށް އަދި ޕްރޮޑިއުސްކުރާ ފިލްމެކެވެ. މިފިލްމުގައި ރަންބީރު އަދާކުރަނީ ޑިޓެކްޓިންއެއްގެ ރޯލެވެ. މިފިލްމުގައި ހިމެނޭ އިތުރު ތަރިންގެތެރޭގައި ކެޓްރީނާކައިފް އަދި ސަޔާނީ ގުޕްތާ ހިމެނެ އެވެ.