ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އިބްތިތާއީ އަޑުއެހުން މި މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން އެންމެ ފުރަތަމަ ތާވަލްކުރީ މި މަހުގެ 17 ވަނަ ދުވަހަށެވެ. ނަމަވެސް ކުއްލިގޮތަކަށް މިއަދަށް ވަނީ އެ އަޑުއެހުން އަވަސްކޮށްފައެވެ.

އެ މައްސަލަ ބައްލަވަން ހަމަޖައްސާފައި ވަނީ ގާޒީ އާދަމް އާރިފް ކަމުގައިވާއިރު، މިއަދު ބާއްވަން އުޅުނު އަޑުއެހުމުގައި އިންނެވީ ގާޒީ އިބްރާހީމް އަލީ ކަމަށްވާތީ ފާރިސްގެ ވަކީލު މައުމޫން ހަމީދު ވަނީ އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެކަން ފާހަގަކުރައްވާފައެވެ.

މައުމޫން ހަމީދު ވިދާޅުވީ ގާޒީ އާދަމް އާރިފް މައްސަލަ ބައްލަވަން ހަމަޖެހިފައި ވަނިކޮށް، މިއަދު އެހެން ގާޒީއެއް މައްސަލަ ބައްލަވަން އިންނެވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމަކީ އިންސާފުވެރި ޝަރީއަތަކަށް ހުރަސްއެޅޭ ފަދަ ކަމެއް ކަމަށެވެ.

ގާޒީ އިބްރާހީމް އަލީ ވިދާޅުވީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވީ ކޯޓަށް ބަދަލުތަކެއް އައުމުން ކަމަށާއި މައްސަލަ އޭނާއާ ހަވާލުކުރި ސަބަބު އަންގާފައިނުވާ ކަމަށެވެ. އަދި އެކަން ހިނގިގޮތް އިދާރީގޮތުން ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

އިންސާފުވެރިކަން ގެއްލޭގޮތަށް ޝަރީއަތް ކުރިއަށްނުގެންދާނެ ކަމަށާއި ޝަރީއަތް ކުރިއަށްގެންދާނީ އިންސާފުވެރިކޮށް ކަމަށް ގާޒީ އިބްރާހީމް އަލީ ވިދާޅުވިއެވެ.

މައުމޫން ހަމީދު ވިދާޅުވީ އޭނާ ތައްޔާރުވަމުން ދިޔައީ ކުރިން މައްސަލަ ތާވަލްކުރި ތާރީޚު ކަމުގައިވާ މި މަހުގެ 17 ވަނަ ދުވަހަށް ކަމަށާއި އެހެންކަމުން މައްސަލަ އެ ދުވަހަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ.

ގާޒީ އިބްރާހީމް އަލީ ހަމަޖެއްސެވީ މި މަހުގެ 20 ވަނަ ދުވަހުގެ 10:00 ގައި މައްސަލަ ބޭއްވުމަށެވެ.

ފާރިސްގެ މައްޗަށް ޝަޚްސު އޮޅުވާލުމުގެ ދައުވާ އުފުލާފައި ވަނީ ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.