ސްރީލަންކަން އެއާލައިންސް އިން ކޮލޮމްބޯއާއި ގަމާ ދެމެދު ސީދާ ދަތުރުތައް ބާއްވާ ދުވަސްތަކުގައި، ފުވައްމުލަކުން ވެސް ދަތުރުކުރަން އެދޭ ފަރާތްތަކަށް ގަމާއި ފުވައްމުލަކާ ދެމެދު ލޯންޗު ދަތުރު ހަމަޖައްސަން ނިންމައިފި އެވެ.

ސްރީލަންކަން އެއާލައިންސްއަކީ އައްޑޫ ސިޓީގެ ގަމަށް ތާވަލުކޮށްގެން ދަތުރުކުރާ ހަމައެކަނި ބައިނަލްއަގުވާމީ އެއާލައިނެވެ.

އައްޑު އަށް ސްރީލަންކަން އުދުހޭތާ އަށް މަސް ދުވަސް ވެފައިވާ އިރު، ސްރީލަންކަން އިން ވަނީ ފުވައްމުލަކަށް ދާން ބޭނުންވާ، ނުވަތަ އައްޑޫ ސިޓީ މެދުވެރިކޮށް ފުވައްމުލަކުން ދަތުރުކޮށް، ރާއްޖެ އިން ބޭރަށް ދާން ބޭނުންވާ ފަރާތްތަކަށް ގަމާ ހަމައަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭން ނިންމައިފަ އެވެ.

ސްރީލަންކަން އިން މައުލޫމާތުދޭ ގޮތުގައި، އެ އެއާލައިންގެ ފަރާތުން އައްޑޫ ސިޓީގެ ގަމާއި ފުވައްމުލަކާ ދެމެދު ލޯންޗު ދަތުރުތައް ފެށުމުގެ ގޮތުން ފުވައްމުލަކުގައި މާދަމާ ރޯޑްޝޯއެއް ބާއްވާނެ އެވެ. އެ ރޯޑްޝޯގައި، ގަމާއި ކޮލޮމްބޯއާ ދެމެދު ދަތުރުކުރާ ފްލައިޓުތަކުގެ ޓިކެޓު ޚާއްސަ އަގެއްގައި ވިއްކާނެ އެވެ. އެއީ ދެކޮޅު ޓިކެޓު ނަމަ 274 ޑޮލަރަށް، އަދި އެއްކޮޅު ނަމަ 159 ޑޮލަރެވެ.

ސްރީލަންކަން އިން ބުނީ، ފުވައްމުލަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ލޯންޗު ޓްރާންސްފާއަށްވާ ފައިސާ ވަކިން ދައްކަން ޖެހޭނެ ކަމަށެވެ.

ސްރީލަންކަން އެއާލައިންސްއިން ހަފްތާއަކު ހަތަރު ދުވަހު އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ކޮލޮމްބޯއާ ދެމެދު ސީދާ ދަތުރުތައް ކުރެ އެވެ.