ވޮޝިންޓަން (ޖުލައި 13): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ފަށައިފި އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ބްރެޑް ޝާމަން ވަނީ ޓްރަމްޕް ވެރިކަމުން ދުރުކުރަން ޖެހެނީ އޭނާ އިންސާފަށް ހުރަސް އެޅުމުން ކަމަށް ވިދާޅުވެ އެ މައްސަލަ ގާނޫނު މަޖިލީހަށް ހުށަހަޅާފަ އެވެ.

އެގޮތުން ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލަ ތަހުގީގު ކުރައްވަމުން ގެންދެވި އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމީ މަގާމުން ދުރުކުރުމަކީ އިންސާފަށް ހުރަސް އެޅުން ކަމަށް ޝާމަން ވިދާޅުވި އެވެ.

ރައީސް ޓްރަމްޕްގެ މައްޗަށް ބާނާޑް ކުރެއްވި ތުހުމަތުތަކަށް މަޖިލީހުގެ ތިރީގޭގެ އަޣުލަބިއްޔަތު ހަމަވާވަރަށް މެމްބަރުން ތާއިދުކޮށްފި ނަމަ މައްސަލަ ބަލަން ސެނެޓަށް ހުށަހަޅާނެ އެވެ. ނަމަވެސް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުގައި އެއީ ނާދިރު ކަމެކެވެ. އަދި އެވޯޓު ނެގުމަށް މިހާތަނަށް ތާއިދު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ އެންމެ މެމްބަރެކެވެ.

ޝާމަން ވަނީ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ޓްރަމްޕް ވަގުތުން މަގާމުން ދުރުކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް އޭގެ ސަބަބުން އެމެރިކާ ސަރުކާރު މިހާރަށް ވުރެ ޒިންމާދާރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. (އިންޑިޕެންޑެންޓް)