މާލޭ ލީގުގައި ވާދަކުރާ ހަތް ޓީމެއް ވަރަށް ވަރުގަދަ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފި އެވެ.

މާލޭ ލީގުގެ އެއްވަނާގައި އޮތް މާޒިޔާއާއި ދެވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ލީގުގައި ބާކީ ދެ މެޗު އޮތްއިރު، ގްރީން ސްޓްރީޓްސްއާ ދެކޮޅަށް މިއަދު ހަވީރު އެ ޓީމު ކުޅޭ މެޗަކީ މާޒިޔާ އަދި ގްރީނަށް ވެސް ވަރަށް މުހިންމު މެޗަކަށް ވާނެ އެވެ.

ލީގުގެ ދެވަނަ ބުރުގައި ގްރީންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސެކުލޮވްސްކީ ބުނީ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ފިޔަވާ ލީގުގައި ދެން ވާދަކުރާ ހަތް ޓީމަކީ ވަރުގަދަ ޓީމުތައް ކަމަށާއި ޔޫވީ ވެސް ލީގުގެ ބައެއް މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ.

"ވެލެންސިއާއަށް ބަލާ އިރު، އެޓީމުން އޭއެފްސީ ކަޕްގައި ވާދަކުރި. މި ހަތް ޓީމަށް ވެސް ހަގީގަތުގައި ޕްރިމިއާ ލީގުގެ ޖާގައެއް ހައްގު. މާލޭ ލީގުގައި ކޮންމެ ގޯލަކީ ވެސް މުހިންމު ގޯލަކަށްވާނެ. ދެން ޓީމުތައް މި ޖެހެނީ ރެލިގޭޝަން ލީގުގައި ވާދަކުރަން. މާލޭ ލީގު ވަރަށް ވަރުގަދަ. އަހަރެންނަށް އެނގޭ މިދިޔަ ސީޒަނުގައި ވެސް ޓީމުތަކުގެ ފެންވަރު،" އޭނާ ބުންޏެވެ.

ސެކުލޮވްސްކީ ބުނީ، މާޒިޔާގެ ޓާގެޓަކީ މާލޭ ލީގު ކާމިޔާބުކުރުން ކަމަށާއި އުންމީދަކީ ކުރިއަށްއޮތް މެޗުން ގްރީން ބަލިވުން ކަމަށެވެ. އެކަމަކު ގްރީނަށް ޕްރިމިއާ ލީގުން ޖާގައެއް ލިބޭނެ ކަމަށް ވެސް އޭނާ އުންމީދުކުރެ އެވެ.

"އަހަރެމެންގެ ޓާގެޓަކީ މާލޭ ލީގު ކާމިޔާބުކުރުން. އަހަރެން އުންމީދުކުރަނީ ގްރީން ސްޓްރީޓްސް ބަލިވާނެ ކަމަށް. އެކަމަކު އެ ކްލަބަށް ޕްރިމިއާ ލީގުން ވެސް ޖާގައެއް ލިބޭނެ ކަމަށް އުންމީދުކުރަން. ގްރީން ސްޓްރީޓްސްއަށް ވެސް ފުރުސަތު އެބައޮތް. ފަހު މެޗުގައި ގްރީނުން އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ޕްރިމިއާ ލީގުގެ ޖާގައަކަށް ކުޅޭ މެޗަކަށް ވާނެ،" އޭނާ ބުންޏެވެ.

ގްރީންއާ ދެކޮޅަށް ކުޅޭ މެޗުގައި ޑިފެންޑަރު މިލޮސް ކޮވަސެވިޗާއި ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ސަސްޕެންޝަނާ ގުޅިގެން ނުކުޅެވޭނެ އެވެ. އެކަމާ ގުޅިގެން ސެކުލޮވްސްކީ ބުނީ، ގްރީންއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ދެ މަގާމަށް ބޭނުންކުރަން ޖެހޭނީ އާ ކުޅުންތެރިން ކަމަށެވެ.

"އަހަރެމެންގެ ފުރަތަމަ ސެންޓްރަލް ޑިފެންޑަރު ޗޮއިސް ޓީމާ ވަކިވީ. ދެން އަހަރެމެންނަށް ނަގަންޖެހުނީ ދެވަނަ ސެންޓްރަލް ޑިފެންޑަރު ޗޮއިސް. މިހާރު އޭނާ މި މެޗަށް ސަސްޕެންޑް. ދެން ޖެހޭނީ ތިން ވަނަ ސެންޓްރަލް ޑިފެންޑަރު ޗޮއިސް ނަގަން. އަހަރެން އުންމީދުކުރަނީ އޭނާ ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް. އަދި އަސައްކޮގެ ބަދަލުގައި ބޭނުންކުރަން ޖެހޭނީ ވެސް އެހެން ކުޅުންތެރިއެއް،" އޭނާ ބުންޏެވެ.

މާލޭ ލީގުގައި ގްރީނާއި މާޒިޔާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.