ވޮޝިންޓަން (ޖުލައި 13): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަދަލުގައި ހިލަރީ ކްލިންޓަން ވެރިކަމަށް އިންތިހާބުވި ނަމަ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް މާރަނގަޅުވީސް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ކްރިސްޓިއަން ބްރޯޑްކާސްޓިން ނެޓްވޯކާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި ހިލަރީގެ ވެރިކަމެއްގައި އެމެރިކާ އިން އެގައުމުގެ އަސްކަރިއްޔާއަށް ހަރަދު ކުރާ މިންވަރު ކުޑަ ކުރުމަކީ ރައީސް ޕުޓިންއަށް ކަމުދާނެ ކަމަކަމަށް ވާނެ އެވެ.

އަދި ރައީސް ޓްރަމްޕް ބޭނުންފުޅު ވަނީ އެމެރިކާ އިން ހަކަތަ އުފައްދާ މިންވަރު އިތުރު ކުރުމަށާއި، ގުދުރަތީ ގޭސް ފަދަ ބާވަތްތައް އެކްސްޕޯޓް ކުރާ މިންވަރު އިތުރު ކުރަން ކަމުން އޭގެ އަގު ދަށްވެދާނެތީ ރަޝިއާ އިން ކަންބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ރައީސް ޕުޓިން ބޭނުންފުޅުވާނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ރައީސް ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، އެފްބީއައި އިން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށެވެ. އަދި ޓްރަމްޕްގެ ދަރިކަލުން ޑޮނަލްޑް ޖޫނިއާ މިދިޔަ އަހަރު ރަޝިއާގެ ވަކީލަކާ ބައްދަލު ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. (އިންޑިޕެންޑެންޓް)