އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ބާރު ސްޕީޑެއްގައި ރޭ ދުއްވާފައި ދިޔަ ކާރެއް، ރުކެއްގައި ޖެހި، ފުރޮޅާލުމުން އަނިޔާވި ފަސް ޒުވާނުންގެ ތެރެއިން ކަރަށް ގެއްލުން ލިބުނު ޒުވާނާ އަށް އިތުރު ފަރުވާއަށް މާލެ ގެންނަން ޖެހޭ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްއިން ބުނެފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު މުޙައްމަދު ނަޖީބު މިއަދު ސަންއަށް ވިދާޅުވީ، 18 އަހަރުގެ އެ ޒުވާނާގެ ކަރަށް ގެއްލުންތަކެއް ވެފައިވާތީ ސްކޭން ކުރުމަށާއި އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވަން ޖެހޭ ކަމަށެވެ.

"އޭނާގެ ހާލަތު އަދި އެހާސީރިއަސްއެއް ނޫން. ނަމަވެސް ކަރަށް ލިބިފައިވާ ގެއްލުން ބެލުމަށް މާލެ ފޮނުވަން ޖެހޭ،" ނަޖީބް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ލިންކު ރޯޑުގައި ރޭ އެކްސިޑެންޓްވި ކާރާއި، ކާރު ޖެހުމުން ވެއްޓުނު ރުއް -- ސަން ފޮޓޯ: ކިޔުންތެރިއެއް

އެހޮސްޕިޓަލުން ސްކޭން ނުކުރެވޭތީ ލިބިފައި ވަނީ ކޮންގެއްލުމެއްކަން އަދި ނޭނގެ އެވެ.

އެޒުވާނާގެ އިތުރުން ދެން އެހޮސްޕިޓަލަށް ގެންދިޔަ ހަތަރު ޒުވާނުންގެ ހާލަތު ރަނގަޅު ކަމަށާއި އޭގެ ތެރެއިން އެއްކުއްޖަކު ރޭ ދޫކޮށްލާފައިވާ އިރު އަނެއް ތިން ކުދިން މިއަދު ދޫކޮށްލާނެ ކަމަށް ނަޖީބް ވިދާޅުވި އެވެ.

ނަޖީބް ވިދާޅުވި ގޮތުގައި އެމީހުންނަށް ލިބިފައި ވަނީ ތަންތަން މަށައިގެން ދިއުން ފަދަ ކުދިކުދި އަނިޔާތަކެވެ.

ރޭ ހިނގި އެއެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ކާރުގައިތިބި، 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 21 އަހަރުގެ ދެމީހުންނަށެވެ.

މަންޒަރު ދުށް މީހަކު ސަންއަށް މައުލޫމާތުދެމުން ބުނީ، ރޭ އިރާކޮޅު އެ ހާދިސާ ހިނގީ، ލިންކު ރޯޑުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސް ކާރެއް، ކޮންޓްރޯލުން ނެއްޓި އާރްއޭއެފް "ރުށްފަށާ" ސަރަހައްދުގައި ހުރި ރުކެއްގައި ޖެހުމުން ކަމަށެވެ.

"ކާރު ޖެހުނުލެއް ބާރުކަމުން އެ ރުށް ވެސް ވެއްޓުނީ. ކާރު ފުރޮޅެމުންގޮސް ހުއްޓުނީ އެ ސަރަހައްދުގައި އޮތް އެމްއާރްޑީސީގެ ޕިކަޕެއްގައި ޖެހިފައި،" މައުލޫމާތު ދިންމީހާ ކިޔައިދިނެވެ.