އަލްޖަޒާއިރު (ޖުލައި 13) : ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރާ އިސްލާމީ ފިކުރުގެ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އަލްޖަޒާއިރުގައި ހުންނަވާ ސައޫދީ ސަފީރު ސާމީ ބިން އަބްދުﷲ ސާލިޙް ސިފަ ކުރެއްވުމުން އަލްޖަޒާއިރުގައި އެކަން ބޮޑު މައްސަލައަކަށްވެ، އެގައުމުގެ އާންމުން ސައޫދީ ސަފީރާ ދެކޮޅަށް ބަހުގެ ޙަމަލާތައް ދެމުން އެބެގެންދެ އެވެ.

މި މައްސަލާގައި ސައޫދީ ސަފީރު އަލްޖަޒާއިރުން ބޭރުކުރުމަށް އެގައުމުގެ ބައެއް އާންމުން ގޮވާލަމުންދާއިރު އެގައުމުގެ ސިޔާސީ ޕާޓީއެއްކަމަށްވާ ނެޝަނަލް މޫމެންޓް ފޯރ ކޮންސްޓްރަކްޝަން އިން ވަނީ ސައޫދީ ސަފީރުގެ އެއަމަލު ވަރަށް ބޮޑަށް ކުއްވެރިކޮށް އޭނާ އަލްޖަޒާއިރުގެ ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށް އެކަމާ އިޙްތިޖާޖް ކުރުމަށް އަލްޖަޒާއިރުގެ ސަރުކާރަށް ގޮވާލާފަ އެވެ. އަދި އަލްޖަޒާއިރުގެ ސިޔާސީ ބައެއް ލީޑަރުން ވެސް ވަނީ ސައޫދީ ސަފީރުގެ ބަޔާން ކުށްވެރިކުރައްވައި އަލްޖަޒާއިރުގެ ޚާރިޖީ ވުޒާރާއަށް އޭނާ ޙާޒިރުކޮށް ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދަށް އިހާނާތް ކުރުމުގެ ބަސްތައް ނުބުނުމަށާ އަދި އެފަދަ ނުރައްކާތެރި އަމަލުތައް އަލްޖަޒާއިރުގެ ބިމުގައި ނުހިންގުމަށް ސައޫދީ ސަފީރަށް އެންގުމަށް އަލްޖަޒާއިރުގެ ޚާރިޖީ ވަޒީރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ފަލަސްތީނުގެ ޖިހާދަކީ ޓެރަރިޒަމް ކަމަށް ސިފަކުރަނީ އެމެރިކާއާއި އިސްރާއީލުން ކަމަށާއި އެގޮތަށް ސައޫދީގެ މަސްއޫލުވެރިއަކު ފަލަސްތީނުގެ ޖިހާދު ސިފަކުރުމަކީ ހިތާމައިގެ ކޮޅެއްނެތް ކަމެއްކަމަށް އަލްޖަޒާއިރުގެ ޕާލަމެންޓްގެ ބައެއް މެންބަރުން ވެސް ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން އަލްޖަޒާއިރުގެ ރައްޔިތުން ގެންދަނީ ޓުވިޓާގައި ވެސް ސައޫދީ ސާމީ ބިން އަބްދުﷲ ސާލިޙް އަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.

އަލްޖަޒާއިރުގެ ޓީވީ ޗެނެލްއެއްކަމަށްވާ އައްނަހާރު ޓީވީ ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސައޫދީ ސަފީރު ސާމީ ބިން އަބްދުﷲ ސާލިޙް ވިދާޅުވީ ސައޫދީ އަރަބިޔާއަކީ ފަލަސްތީނުގެ ހައްގުތަކަށް ތާއީދު ކުރާ ގައުމެއްކަމަށާއި ނަމަވެސް ހަމާސް އަކީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޓެރަރިސްޓް ޖަމާއަތެއް ކަމުގަ އެވެ. އަދި ހަމާސްގެ ލީޑަރުން ކަންކަން ނިންމަނީ ގަތަރުގައިވާ ފަސްތަރީގެ ހޮޓާތަކުގައި ތިއްބަވައިގެން ގަތަރުން އަންގާގޮތެއްގެމަތިންކަމަށާއި ފަލަސްތީނުގެ މިނިވަންކަމުގެ ނަމުގައި މަސައްކަތް ކުރުމުގެ ހައްގު ހަމާސް އަށް ނެތްކަމަށާ އެހައްގު އޮތީ ޕަލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން ޕީއެލްއޯ އަށް ކަމަށް ވެސް ސައޫދީ ސަފީރު ވިދާޅުވި އެވެ.

ކުރިން ސައޫދީ އަކީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަށް ވަރަށް ބޮޑަށް ތާއީދު ކުރަމުން ގެންދިޔަ ގައުމެކެވެ. ނަމަވެސް މިފަހަކަށް އައިސް ސައޫދީ ސިޔާސަތަށް އަންނަމުންދާ ބަދަލުތަކާ އެކު ސައޫދީން ގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ހަމާސް އިން ކުރާ ޖިހާދަކީ ޓެރަރިޒަމް ކަމަށް ސިފަކޮށް ހަމާސް އަކީވެސް ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކުރަމުނެވެ. އަދި ދެހާސް ސާދަ ވަނަ އަހަރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަނިޔާވެރި އުދުވާނެއް ހިންގައި ޣައްޒާގެ އާންމުންގެ ބޮލަށް ބޮން އަޅައި ޑަޒަން ޑަޒަނަށް ފަލަސްތީނު މީހުން ޝަހީދު ކުރަމުން ގެންދިޔައިރު ސައޫދީން އެކަމަށް ބިރުކަންފަތެއްދީ އަޅާނުލި މައްސަލަ އެދުވަސްވަރުވަނީ ފާހަގަވެގެން ގޮސްފަ އެވެ.

މިއީ ހަމާސުން ސައޫދީގެ ދުޝްމަން ގަތަރާ ގާތްގުޅުންތައް ބާއްވާ މައްސަލާގައާއި ހަމާސްއަކީ އިޚްވާނުލްމުސްލިމޫން ފިކުރުގެ ޖަމާއަތެއްކަމަށްވާތީ ކަމަށްވަނީ ބެލެވިފަ އެވެ. ގަތަރުން ޓެރަރިޒަމަށް އެހީތެރިވުމާއި އީރާނާ ގާތްގުޅުންތަކެއް ބާއްވާ ކަމަށް ތުހުމަތުކޮށް ގަތަރާ ދެކޮޅަށް ސައޫދީ އިސްވެއޮވެގެން ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށްވަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. މިއާއެކު ސިއްރިޔާތުގައި ސައޫދީން އިސްރާއީލާ ގުޅުންތައް ގާއިމް ކުރަމުން ގެންދާ ޚަބަރުތަކެއްވެސްވަނީ ފެންމަތިވެފަ އެވެ.

ގަތަރުގެ މީޑިއާ ބުނާ ގޮތުން ސައޫދީން ގަތަރުދެކެ ހިތްހަމަ ނުޖެހެނީ އެންމެ ސަބަބަކާ ގުޅިގެންނެވެ. އެއީ ގަލްފުގެ ގައުމުތަކަށާއި ގަލްފުގެ ސަރަހައްދަށް ސައޫދީ ހިންގަން ބޭނުންވާ ބާރާއި ނުފޫޒުގެ ދާއިރާއިން މިނިވަންވެފައިވާ އަމިއްލަ މުސްތަގިއްލު ސިޔާސަތެއް ގަތަރުން ގެންގުޅެމުން ދިޔުމެވެ. ސައޫދީގެ ބޭނުމަކީ ބަހްރައިންގައި އޮންނަފަދަ ސައޫދީ ސަރުކާރަށް ބޯލަނބާ އަދި ސައޫދީގެ ކޮންޓްރޯލާއި ނުފޫޒު އޮންނަ ވެރިކަމެއް ގަތަރުގައިވެސް އޮތުން ކަމަށާއި މައްސަލައަކީ ސައޫދީގެ ބާރާއި ނުފޫޒު ނުހިނގާ މިނިވަން މުސްތަގިއްލު ސިޔާސަތެއް ގަތަރުން ގެންގުޅުންކަމަށް ގަތަރުގެ މީޑިއާ އިން ބުނެ އެވެ. އީރާނާއި ގަތަރު ގާތްވާ މައްސަލައާއި ޓެރަރިޒަމްގެ މައްސަލަ އަކީ ހަމައެކަނި ބަހަނާއެއް ކަމަށާއި ހަގިގީ މައްސަލައަކީ އެދެ މައްސަލަ ނޫން ކަމަށް ވެސް ގަތަރުގެ މީޑިއާ އިން ބުނެއެވެ.

ސައޫދީ އިސްކޮށް އޮވެގެން އަރަބި ހަތަރު ގައުމަކުން މިދިޔަ ޖޫންމަހުގެ ކުރީކޮޅު ކުއްލި ގޮތަކަށް ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އެފިޔަވަޅުތަކަށް ބައިނަލްއަގްވާމީ މުޖްތަމައުގެ ތާއީދު ނުލިބުމުން އެގައުމުތަކުގެ މަގްސަދުވަނީ ޙާސިލްވާގޮތް ނުވެފަ އެވެ. އަދި ގަތަރުވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޯނުލަނބައި އެފިޔަވަޅުތައް އެޅި އަރަބި ހަތަރު ގައުމުން އެދުނު އެދުންތަކަށް އިޖާބަ ދިނުމަށް ވެސް ދެކޮޅު ހަދާފަ އެވެ. (ނޫސްއެޖެންސީތައް)