އެންޓާޓިކާގެ ސަރަހައްދަކުން 5،800 އަކަ ކިލޯ މީޓަރުގެ ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސްފި އެވެ.

އެންޓާޓިކާގެ ލާސެން ސީ ޝެލްވް ސަރަހައްދުން ކަނޑައިގެންދިޔަ މި ގަނޑުފެންގަނޑުގެ ބަރުދަނުގައި ގާތްގަނޑަކަށް އެއް ޓްރިލިއަން ޓަނު ހުންނާނެ ކަމަށް ލަފާކުރެވޭ އިރު، މިއީ ލަންޑަނުގެ ހަތަރު ގުނަ ބޮޑު ސަރަހައްދެކެވެ.

އަދި މިއީ ލާސެން ސީ ޝެލްވް ސަރަހައްދުގެ ބޮޑުމިނުގެ 12 ޕަސެންޓްގެ މިންވަރެކެވެ.

--- ފޮޓޯ: ބިޒްނަސް އިންސައިޑާ

މިސަރަހައްދުގެ ބިންގަނޑުގައި އެންމެ ފުރަތަމަ ރެނދުލީ ހިސާބުން ފެށިގެން، ސެޓްލައިޓްގެ ޒަރީއާ އިން ނާސާގެ ސައިންޓިސްޓުން ގެންދިޔައީ މޮނިޓާކުރަމުންނެވެ.

މިހާބޮޑު ސަރަހައްދެއް އެންޓާޓިކާ އިން ކަނޑައިގެން ދިޔަނަމަވެސް އަދި މި ގަނޑުފެންގަނޑު އިތުރަށް ހަލާކުނުވެ އަދި އޮޔާ ނުގޮސް އެބަ އޮތް ކަމަށް ޕްރޮޖެކްޓް މިޑާސްގެ ލީޑް އިންވެސްޓިގޭޓާ ޕްރޮފެސާ އެޑްރިއަން ލަކްމަން ވަނީ ވިދާޅުވެފަ އެވެ.

ޕްރޮޖެކްޓް މިޑާސްއަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންޓާޓިކާއަށް ދިމާވާ ކަންތައްތައް ދިރާސާކުރުމަށް އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ ޓީމުން އެމީހުންގެ އެމަސައްކަތަށް ދީފައިވާ ނަމެކެވެ.

--- ފޮޓޯ: ބިޒްނަސް އިންސައިޑާ

މިއީ އެންޓާޓިކާ އިން މިހާތަނަށް ކަނޑައިގެންދިޔަ އެންމެ ބޮޑު ސަރަހައްދާ އަޅާބަލާ އިރު ދެބައިކުޅަ އެއްބައި ކުޑަ ސަރަހައްދެކެވެ. ސައިންޓިސްޓުން ހާމަކުރާ ގޮތުގައި މިހާތަނަށް އެންޓާޓިކާ އިން ކަނޑައިގެން ގޮސްފައިވާ އެންމެ ބޮޑު ގަނޑުފެންގަނޑުގެ ބޮޑުމިނުގައި 11،000 އަކަ ކިލޯ މީޓަރު ހުއްޓެވެ. އެހާދިސާ ހިނގާފައި ވަނީ މީގެ 17 އަހަރު ކުރިންނެވެ.