13 Jul 2017, 08:57
ރަންބީރު ކަޕޫރު އާއި ދީޕިކާ ޕަދުކޯންގެ ލޯބީގެ ގުޅުން ނިމިގެން ދިޔައީ ރަންބީރު ދީޕިކާ އަށް ބޭވަފާތެރިވުމުންނެވެ. އެކަން އެންމެނަށް ވެސް އެނގެ އެވެ. ދީޕިކާ ވަނީ އިންޓަވިއު އެއްގައި އެފަދަ ވާހަކަތަކެއް ދައްކައިފަ އެވެ.
އެހެން ނަމަވެސް، ރަންބީރުގެ އެންމެ ފަހުގެ ލޯބިވެރިޔާ، ކެޓްރީނާ ކައިފް އާއި ދެމީހުން ވަކިވި ސަބަބު އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ދެމީހުންގެ ވާހަކަތަކާއި އަމަލުތައް ހުންނަ ގޮތުން ރުޅިވާން ޖެހުނީ ވަރަށް ބޮޑު މައްސަލައެއް ޖެހިގެން ކަމަށް ލަފާކުރެވެ އެވެ.
އެހެނަސް، ޖެހުނު މައްސަލަ ދުވަހަކު ވެސް އެހެން މީހަކަށް އެނގޭނެހެން ހިއެއް ނުވެ އެވެ. ސަބަބަކީ އެ ވާހަކަ ދައްކަން ކެޓްރީނާ ވެސް އަދި ރަންބީރު ވެސް ބޭނުން ނުވާތީ އެވެ.
ދެމީހުންގެ ކުރިއަށް އޮތް ފިލްމު 'ޖައްގާ ޖާސޫސް' ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން ކެޓްރީނާ މިވަނީ، ދުވަހަކު ވެސް އޭނާގެ އަނގައިން އެވާހަކަތައް ބޭރުނުވާނެ ކަމަށް ބުނެފަ އެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކެޓްރީނާ ބުނެފައި ވަނީ އެއީ ދެމީހުންގެ ދޭތެރޭގައިގާ ކަމެއް ކަމަށާއި، އިތުރު ބަޔަކަށް އެ ވާހަކަތައް ކިޔައިދޭން ނުޖެހޭ ކަމަށެވެ.
"އެއްވެސް މީހަކަށް އަހަރެންގެ ފަރާތުން ދުވަހަކު ވެސް އެ ވާހަކަތަކެއް ނުހޯދޭނެ. އެހެންވީމަ އެހެން މީހަކަށް ސަބަބު އެނގިދާނެ ކަމަށް ބިރެއް ވެސް ނުގަނޭ." ކެޓްރީނާ ބުންޏެވެ.
ކެޓްރީނާ ބުނީ ދެމީހުންނަކީ ވެސް ޕްރޮފެޝަނަލް އެކްޓަރުން ކަމަށާއި، ޕާސަނަލް މައްސަލަތަކެއްގެ ސަބަބުން ދެމީހުންގެ މަސައްކަތަށް އެކަމުން އަސަރު ނުކުރާނެ ކަމަށެވެ.
މަސައްކަތުގައި ދެމީހުން ވެސް އެކަކު އަނެކަކަށް އެއްބާރުލުންދޭ ކަމަށް ބުނަމުން، ކެޓްރީނާ ވަނީ ރަންބީރަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ.
އަނޫރާގް ބާސޫގެ 'ޖައްގާ ޖާސޫސް' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.