13 Jul 2017, 11:07
ކޮންމެ ކޯހަކަށް ވެސް ޑިސްކައުންޓް ލިބޭ ފުރުސަތަކާ އެކު ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުން ސެޕްޓެމްބަރު މަހު ފަށާ ކޯސްތަކަށް ހުޅުވާލައިފި އެވެ.
އަބަދުވެސް ބޮޑެތި ޕްރޮމޯޝަންތަކެއް ހިންގަމުން ދާ އެވިޑް ކޮލެޖުން ސެޕްޓެމްބަރު މަހު އެ ކޮލެޖްގައި ފަށާ ކޯސްތަކަށް ހުޅުވާލާފައިވާ ޑިސްކައުންޓްތަކުގެ ތެރޭގައި މުޅި ކޯހުގެ ކޯސް ފީގެ ފަސް ޕަސެންޓުން ފެށިގެން 50 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް، ކޯސްތަކަށް އެންމެ ފުރަތަމަ ކުރިމަތިލާ 100 ދަރިވަރުންނަށް ލިބިގެންދާނެ އެވެ.
އަދި އެއަށް ފަހު ކުރިމަތިލާ 400 ދަރިވަރުންނަށް ކޯހުގެ ފުރަތަމަ އިންސްޓޯލްމަންޓުން ދެވޭ ޑިސްކައުންޓްތަކެއް ވެސް ހިމެނެ އެވެ. އެގޮތުން އެ ދަރިވަރުންނަށް ވެސް ފަސް ޕަސެންޓާއި 100 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބުނުގެ ފުރުސަތު އޮންނާނެ އެވެ.
އެވިޑް ކޮލެޖުގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިން ޑައިރެކްޓަރު އިބްރާހިމް ނަސީމް ވިދާޅުވާ ގޮތުގައި، އެ ޑިސްކައުންޓުތަކަށް ޖުމްލަކޮށް ކޮލެޖުން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ. އަދި މިއީ މިހާތަނަށް އެ ކޮލެޖުން ދެވޭ އެންމެ ބޮޑު ޑިސްކައުންޓް ފުރުސަތުތައް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބޮޑު އިނާމެއް ވެސް އެވިޑް ކޮލެޖުން ވަނީ ދޫކޮށްލަން ނިންމާފަ އެވެ.
އެގޮތުން ޕްރޮމޯޝަންގެ މުއްދަތުގައި ކޯސްތަކަށް ވަންނަން އެދޭ ފޯމް ހުށަހަޅާ ދަރިވަރުންގެ މެދުގައި ނަގާ ލަކީޑްރޯ އަކުން ހޮވޭ ދަރިވަރަކަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ އެ ކޮލެޖުން ހުށަހަޅާފަ އެވެ.
ސެޕްޓެމްބަރު އިންޓޭކަށް އެވިޑް ކޮލެޖުން މިހާރު ހިންގަމުން ގެންދާ ސެޓްފިކެޓް ލެވެލް 3 އިން މާސްޓާސް ޑިގްރީގެ ތަފާތު ހަތަރު ދާއިރާގެ 30 އަށްވުރެ ގިނަ ކޯހަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ މާސްޓާސް ޑިގްރީގެ ހަ ކޯހަކާއި ބެޗްލާސް ޑިގްރީގެ އަށް ކޯހެއް އަދި ޑިޕްލޮމާ ލެވެލްގެ 10 ކޯހަކާއި ސެޓްފިކެޓް ފެންވަރުގެ ހަ ކޯހެކެވެ.
ސެޕްޓެމްބަރު މަހު ފަށާ ކޯސްތަކުގެ ތެރެއިން ވެސް އެންމެ ހާއްސަ އެއް ކޯހަކީ މެލޭޝިޔާގެ ސައިބަޖަޔާ ޔުނިވާސިޓީ ކޮލެޖުގެ ކޯހެއް ކަމަށްވާ ބެޗެލާސް އޮފް އޮކިޔުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް (ބޮޝް) އެވެ.
ކޮލެޖެއްގެ ގޮތުގައި މަސައްކަތް ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވި ނަމަވެސް، ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ އެވިޑް ކޮލެޖުގެ މަސައްކަތް ފުރަތަމަ ފެށިގެން އައީ 2004 ވަނަ އަހަރު އެވިޑް މޯބައިލް ޓްރޭނިންގެ ނަމުގަ އެވެ.
އަދި 2005 ވަނަ އަހަރު އެ ސެންޓަރުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ފަހު އެވިޑް ޓްރޭނިންގް ސެންޓަރުގެ ނަމުގައި ރެޖިސްޓްރީކޮށް އެމްކިޔޫއޭ އިން ގަބޫލުކުރާ ފެންވަރުގެ ތަފާސް ކޯސްތަކެއް މާލެއާއި އަތޮޅުތަކުގައި ހިންގަން ފެށި އެވެ.
ޓްރޭނިން ސެންޓަރަކުން ކޮލެޖުގެ ނަމަށް އެވިޑް ކޮލެޖުގެ މަސައްކަތްތައް ފުޅާކުރީ 26 އޮގަސްޓް، 2013 ވަނަ އަހަރު އެވެ.
އެގޮތުން މިއަދާ ހަމައަށް އައިއިރު އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން ބައިނަލްއަގްވާމީ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ ކޯސްތައް ވެސް އެވިޑް ކޮލެޖުގައި ދަނީ ހިންގަމުންނެވެ. އެގޮތުން މެލޭޝިޔާގެ ޔޫސީއެސްއައި ޔުނިވާސިޓީގެ ޕީއެޗްޑީ ޕްރޮގްރާމަކާއި ހަމަ އެ ޔުނިވަރސިޓީގެ ޕީޖީޑީޓީޓީ ކޯހެއް ހިމެނެ އެވެ.
އޭގެ އިތުރުން މެލޭޝިއާގެ މަޝްހޫރު ރިސާޗް ސެންޓަރަކާ ގުޅިގެން އެވިޑް ރިސާޗް އެންޑް އިނޮވޭޝަން ސެންޓަރު (އެރިކް)ގެ ނަމުގައި ރިސާޗް ސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ.
އެވިޑް ކޮލެޖުން ބުނީ، ކުރިއަށް އޮތް ތަނުގައި ހިޔުމަން ރިސޯސްގެ މާސްޓާސް ޑިގްރީ ޕްރޮގުރާމަކާއި މެލޭޝިޔާގެ ލިންކޮލިން ޔުނިވާސިޓީ ކޮލެޖުގެ 12 ވަރަކަށް ކޯސް ހިމެނެ އެވެ. އޭގެ ތެރޭގައި އެކައުންޓިންގެ ކޯސްތަކާއި ހޮސްޕިޓޭލިޓީ މެނޭޖްމަންޓް އަދި ޕެޝަން މެނޭޖްމަންތް ކޯސްތައް ހިމެނެ އެވެ.