ވިޔަފާރި ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ އިރު ކުދި ވިޔަފާރިތަކުން ހިސާބުތައް ބަލަހައްޓަމުން ނުދާ ކަމުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.

މީރާގެ ޑައިރެކްޓަ ޖެނެރަލް، ރެވެނިއު ސާވިސް، ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ ކުދި ވިޔަފާރިތަކުން ވިޔަފާރި މުއާމަލާތްތަކުގެ ހިސާބުތައް ރަނގަޅަށް ބަލަހައްޓަމުން ނުގެންދާ ކަމަށާއި އެކަމުގެ ސަބަބުން ޓެކްސް ބަޔާން ހުށަޙެޅުމަށާއި ޓެކްސް ދެއްކުމަށް އެ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

"އެންމެ ބޮޑު ދައްޗަކަށް ދިމާވާނީ ކުދި ވިޔަފާރިތަކުން ހިސާބުތައް ނުބެލެހެއްޓި ހުރި މައްސަލަ. އަޅުގަނޑުމެން އިލްތިމާސްކުރަން މިއަދުން ފެށިގެން ބިލުކޮޅެއްނަމަވެސް ރައްކާކޮށްފައިބެހެއްޓުމަށް،" ފަތުހުﷲ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ހިސާބުތައް ބަލަހައްޓާނެ ނަމޫނާއެއް ތައްޔާރުކޮށް، ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނަމޫނާއެއް ފޯރުކޮށްދޭން ވެސް ނިންމާ އެކަން ކުރަމުން މި އަންނަނީ،" ފަތުހުﷲ ވިދާޅުވި އެވެ.

ޓެކްސްނެގުމަށް ދަތިތަކެއް ހުރި ނަމަވެސް މިހާރު ވެސް 8600 ފަރާތަކުން މީރާގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖެތެރެ އިން ރަޖިސްޓްރީ ކުރާ ފަރާތްތަކުން ކައުންސިލް އިދާރާތައް މެދުވެރިކޮށް ރަޖިސްޓްރީގެ ކަންކަން ހަމަޖައްސަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީރާ އިން މިހާރު ވެސް އަންނަނީ މާލޭގެ އަވަށްތަކަށް ޒިޔާރަތްކޮށް ރެޖިސްޓްރޭޝަންގެ ކަންތައްތައް ކުރަމުންނެވެ.
ގާނޫނުގެ ދަށުން ފުރަތަމަ ޓެކްސްގެ ޕޭމަންޓް ދައްކަން ޖެހެނީ 31 ޖެނުއަރީ 2012 ކުރިންނެވެ.

ވިޔަފާރި ފައިދާ އިން ޓެކްސް ނެގުމުގެ ގާނުގައިވާ ގޮތުން އެގާނޫނަށް އަމަލުކުރަން ފަށެމުން ހުރިހާ ވިޔަފާރިތަކުން ވެސް އެ ވިޔަފާރިއެއްގެ ބިނާކުރަނިވި ފައިދާ އަހަރަކު 500،000ރ. އަށް ވުރެ އިތުރުވާ ނަމަ އެ އަދަދުގެ 15 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހެ އެވެ.

އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ޓެކްސްގެ ފުރަތަމަ އަހަރު ގޮތުގައި ބަލާނީ ޖުލައި 18، 2011 އިން ޖެނުއަރީ 31، 2012 އެވެ.