އެފްއޭއެމް އިން ކުރިއަށް ގެންދާ އަންހެނުންގެ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އައްޑުއަށް ނިސްބަތްވާ އަވަ އެފްޓީން ކާމިޔާބުކުރިއިރު ދެވަނަ މެޗު ޓީ ރެކްސް ސްޕޯޓްސް އެކަޑަމީން ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ މެޗުގައި ވާދަކުރީ އަވަ އެފްޓީ އަދި އިކުއެޓޯރިއަލްއެވެ. އެ މެޗު އަވަ އެފްޓިން ކާމިޔާބުކުރީ 12-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރުއެވެ.

ދެވަނަ މެޗަށް ބަލާއިރު އެ މެޗު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެއްކޮޅުން ޒެނިތު ވާދަކުރި އިރު އަނެއް ކޮޅުން ކުޅެފައިވަނީ ޓިރެކްސްއެވެ. އެ މެޗު ޓީރެކްސް އިން ކާމިޔާބުކުރީ 3-0 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޓީރެކްސްގެ އަރޫޝާ އަހްމަދުއެވެ.

މުޅިން އަލަށް އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އަންހެނުންގެ ފުޓްސަލް މުބާރަތުގައި ނުވަ ޓީމު ވަނީ ބައިވެރިވެފައެވެ.

ޖުލައި ނުވައަކުން ވިއްސަށް ކުރިއަށްދާ މުބާރަތުގައި ބައިވެރިވި ޓީމްތައް ދެ ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އެކެއްގައި ފަސްޓީމެއް ވާދަކުރާނެއެވެ. ގްރޫޕް 2ގައި 4 ޓީމެއް ވާދަކުރާނެއެވެ.

އެހެން މުބާރަތްތަކާ ހިލާފަށް އެފްއޭއެމުން އިންތިޒާމް ކުރާ ފުރަތަމަ އަންހެން ފުޓްސަލް މުބާރަތުގައި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިއަކަށް ކުޅެވޭއިރު ބިދޭސީ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.

އަންހެން ފުޓްސަލް ކުރިއަރުވަން، ފުޓްސަލް ކުޅޭ އަންހެނުންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އަންހެން ފުޓްސަލް މުބާރާތެއް ފަށާފައި ވާއިރު ފުޓްސަލް ކުޅޭ ފިރިހެނުންނަށް ހާއްސަކޮށްގެން މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.