މިހާރު ކުރިއަށްދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކަޓައި، ދ. ކުޑަހުވަދުއާއި އއ. މާޅޮހުން، ކުރިއަށް އޮތް ދިވެހި ޕްރިމިއަރ ލީގުން ޖާގަ ހޯދައިފިއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ގްރޫޕް އެކެއްގެ މެޗުތައް ހދ. ކުޅުދުށްފުށީގައި ކުރިއަށްދާއިރު ގްރޫޕް ދޭއްގެ މެޗުތައް ކުރިއަށް ދަނީ ގދ. ތިނަދޫގައެވެ. އެގޮތުން ޕްރިމިއަރ ލީގުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެކެވެ.

ޕްރިމިއަރ ލީގުން ޖާގައެއް ކުޑަހުވަދުއަށް ކަށަވަރުވީ، މިއަދު ހަވީރު ގދ. ތިނަދޫގައި ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި ސ. ފޭދޫ އަތުން 3-2ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މެޗުގެ 23 ވަނަ މިނިޓްގައި ކުޑަހުވަދޫގެ ބިދޭސީ ކުޅުންތެރިއާ ކްރިސްޓިއަން ޑޫޒީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރި ހޯދައިދިން ނަމަވެސް އޭގެ 10 މިނިޓް ފަހުން ފޭދޫގެ ބިދޭސީ ކުޅުންތެރިއާ ވިންސެންޓް މައިކެލް ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެޓީމު ހަމަހަމަ ނަތީޖާއަކުން މެޗުގެ ދެވަނަ ހާފް ފެށި ނަމަވެސް، 69 ވަނަ މިނިޓްގައި ކުޑަހުވަދޫގެ އިރްފާން އާދަމް ނަސީރު ކާމިޔާބުކުރި ލަނޑާއެކު އެޓީމަށް ވަނީ މެޗުގެ ތިން ޕޮއިންޓު ކަށަވަރު ކުރެވިފައެވެ.

މި ނަތީޖާއާއެކު ކުޑަހުވަދުއަށް ވަނީ 7 ޕޮއިންޓާއެކު ވަގުތީގޮތުން އެ ގްރޫޕްގެ އެއްވަނަ ލިބިފައެވެ. އެ ގްރޫޕްގެ އެއްވަނަ ޓީމެއް އެނގޭނީ 4 ޕޮއިންޓާއެކު މިވަގުތު ގްރޫޕުގެ ދެ ވަނައިގައި އޮތް ތިނަދުއާއި 1 ޕޮއިންޓާއެކު ގްރޫޕުގެ ތިން ވަނައިގައި އޮތް ތ. ތިމަރަފުށި ބައްދަލުކުރާ މެޗުގެ ނަތީޖާއިންނެވެ. މި މެޗުގެ ނަތީޖާ އެއްވަރު ކޮށްލައިގެން ތިނަދުއަށް ޕްރިމިއާ ލީގުން ޖާގަ ހޯދުމުގެ ފުރުސަތު އޮތްއިރު، މެޗުން މޮޅުވެއްޖެ ނަމަ ގްރޫޕްގެ އެއްވަނަ ލިބޭނެއެވެ.

ޕްރިމިއާ ލީގުން ޖާގައެއް ހޯދަން ބޭނުން ނަމަ ތިމަރަފުށި ޖެހޭނީ ދެ ލަނޑުގެ ތަފާތުން މެޗުން މޮޅުވާށެވެ.

ކުޅުދުއްފުށީގައި ކުރިއަށްދާ ގްރޫޕްގެ އެކެއްގައި މިއަދު ހަވީރު މާޅޮހާއި ބ. އޭދަފުށި ބައްދަލުކުރި މެޗުން 3-2 ލަނޑުގެ ތަފާތުން އޭދަފުށި މޮޅުވެ ޕޮއިންޓުގެ ގޮތުން މާޅޮހާ އެއްވަރު ކުރި ނަމަވެސް، މާޅޮހަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. މިއިން ކޮންމެ ޓީމަކަށް ވެސް ލިބިފައި ވަނީ 4 ޕޮއިންޓެވެ. އެހެންކަމުން އޭދަފުށްޓަށް ވަނީ ޕްރިމިއަރ ލީގުން ފުރުސަތު ގެއްލިފައެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ދަނޑުގައި ކުޅުނު މެޗުގައި އޭދަފުށީގެ ލަނޑުތައް ކާމިޔާބުކޮށް ދިނީ، ހުސައިން ޝިފާހް، ހުސައިން އީމާން އަދި އަޒްމީންއެވެ. އޭދަފުށިން ތިން ލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް މާޅޮހަށް ދެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަހްމަދު ލަތީފާއި އާދަމް މާޖިދެވެ.

ގްރޫޕް އެކެއްގައި ހިމެނޭ އަނެއް ދެޓީމަކީ ށ. މިލަންދުއާއި ހދ. ކުޅުދުއްފުށްޓެވެ. މުޅި މުބާރާތުގައިވެސް އެންމެ ފޯރިގަދަވާނޭ ކަމަށް ބެލެވޭ މިދެޓީމުގެ މެޗު މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައި ވާއިރު، މޮޅުވާ ޓީމަކަށް ޕްރިމިއަރ ލީގުން ޖާގަ ލިބޭނެއެވެ. 3 ޕޮއިންޓާއެކު ދެވަނައިގައި އޮތް މިލަންދުއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްލައިގެން ވެސް ފަރުޖައްސާލެވެން އޮތްއިރު، ޕްރިމިއަރ ލީގުން ޖާގައެއް ބޭނުން ނަމަ 2 ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައި އޮތް ކުޅުދުށްފުށި ޖެހޭނީ މާދަމާގެ މެޗުން މޮޅުވާށެވެ.