ޑިޒްނީއިން އުފައްދަންއުޅޭ އަލާޑިންގެ ރީމޭކްގައި އަލާޑިންގެ ބައި ކުޅޭނެ، ކަމުދާ އެކްޓަރެއް ހޯދުމުގައި ދަތިތަކާ ކުރިމަތިވެއްޖެއެވެ.

ގައި ރިޗީ ޑައިރެކްޓްކުރާ މިފިލްމުގައި އަލާޑިންގެ ބައިކުޅެން ރިޒް އަހްމަދު އަދި ދޭވް ޕަޓޭލްއާ ދަނީ ވާހަކަދެކެވުމުންނެވެ. ނަމަވެސް ޑިޒްނީއިން ބޮޑަށް ބޭނުންވަނީ މިފިލްމުގައި އަލާޑިންގެ ބައިން މުޅިން އާމޫނެއް ތައާރަފް ކުރާށެވެ.

ހޮލީވުޑް ރިޕޯޓާރ އާއި ހަވާލާދީ ބުނެފައިވާގޮތުގައި މިފިލްމުގައި އަލާޑިން އަދި ޖޭސްމީންގެ ބައި ކުޅޭނެ މީހުން ހޯދުމަށްޓަކައި ޑިޒްނީއިން ވަނީ 2000 މީހުން އޮޑިޝަން ކޮށްފައެވެ.

ޑިޒްނީއިން މިފިލްމުގައި އަލާޑިންގެ ބައި ކުޅެން ބޭނުންވަނީ އިންޑިއާ އަދި މެދުއިރުމަތީގެ ސިިފަތައް ލިބިފައިވާ ބަތަލެއް ލައްވައެވެ. އަދި މިރޯލަށް ހޮވޭ ބަތަލަށް ލަވަކިޔަން އެނގި ނެށުމުގެ ހުންރު ލިބިފައިވާ މީހަކަށް ވާން ޖެހެއެވެ.

އެފިލްމުގައި ޖޭޒްމިންގެ ބައި ކުޅެން ޑިޒްނީއިން ދަނީ ދެބަތަލާއަކާ ވާހަކަ ދައްކަމުންނެވެ. އެއީ ޕަވަރޭންޖާސްގައި ބަތާލާގެ ބައި އަދާކުރި ނައޯމީ ސްކޮޓް އާއި އިންޑިއާގެ ޑިޒްނީ ޗެނަލްގެ ތަރި ތާރާ ސުތައިރާއެވެ.

އެފިލްމުގައި ޖިނީގެ ބައި އަދާކުރަން ހަމަޖެހިފައިވަނީ ވިލްސްމިތުއެވެ. ފިލްމުގެ ޝޫޓިން އޮގަސްޓްގައި ފެށުމަށް ހަމަޖެހިފައިވާއިރު އަލާޑިންގެ ބައި ކުޅޭނެ ބަތަލަކު ހޯދުމުގައި މިވަނީ ވަގުތު ކުޑަތަންވެފައެވެ.