12 Jul 2017, 21:45
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ (80 މިލިއަން ޑޮލަރު) ދައްކަން ޖެހޭނީ ކާކުން އެނގެނީ ފުރިހަމަ ތަހުގީގެއް ހިންގައިގެން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އަދީބު ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވޭނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ދެއްކުމުން ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުތަކަށް ރައްދު ދެއްވައި އަދީބު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާއާ ބެހޭ ފުރިހަމަ ތަހުގީގެއް މިހާތަނަށް ހިންގާފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުގައި އެ މައްސަލަ އެންމެ ރަނގަޅަށް ތަހުގީގު ކުރެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އަދި އެމްއެމްޕީއާރުސީގެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެތަނުގެ ލިޔުންތަކާ މެދު އަމަލުކުރި ގޮތް ވެސް ތަހުގީގުކުރެވެން ޖެހޭ ކަމަށް އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި އިރު އެ އިދާރާ ހިންގަން އޭރު ހަވާލުކުރައްވާފައިވާ، މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެހެން ކަމާ އެކު ފައިސާ އަށްވީ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ.