12 Jul 2017, 19:13
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލަން ފުރުސަތު ލިބުނީ ފުލުހުން އިހުމާލުވުމުގެ ސަބަބުން ކަމަށް ބުނެ އޭނާގެ ބައްޕަ މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެކޮޅަށް ކުރި ދައުވާގެ އަޑުއެހުންތައް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ޔާމީންގެ އާއިލާގެ ފަރާތުން ވަކާލާތު ކުރާ ހުސްނުއް ސުއޫދު ވިދާޅުވީ، ދައުލަތުން އެދުނީ އެ މައްސަލައިގެ އަޑުއެހުންތަކާއި ބަޔާންތައްވެސް ސިއްރު ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ޔާމީންގެ އާއިލާގެ ފަރާތުން ސިއްރުކުރަން ދެކޮޅު ހެދިކަމަށާއި، ކޯޓުން ނިންމީ އެ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ކަމަށް ސުއޫދު ވިދާޅުވި އެވެ.
ޔާމީންގެ އާއިލާއިން ފުލުހުންގެ މައްޗަށް ދައުވާކޮށްފައިވަނީ، ދުރާލާ ރާވައިގެން ޔާމީން ރަޝީދު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމުގެ ފުރުސަތު ބަޔަކަށް ފަހިވެގެން ދިޔައީ، ޔާމީން ރަޝީދަށް ތަކުރާރުކޮށް އިންޒާރު ލިބެމުން ދިޔަ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ އިރު، އޭނާއަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށް ދިނުމުގައި ފުލުހުން އިހުމާލުވުމުން ކަމަށް ބުނެ އެކަން ސާބިތުކޮށްދިނުމަށެވެ.
ތޫނު އެއްޗަކުން ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ޔާމީން ރަޝީދު މަރާލާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައި ވާއިރު، އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ބައިވެރިވި ބައެއް ކަމަށް ބުނެ ފުލުހުން ވަނީ ހައްޔަރުކުރި މީހުންގެ ތެރޭން ތިން މީހެއްގެ ނަން ހާމަކޮަށްފައެވެ.