ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި ކުދިންނަށް ކުރިއަށް އޮތް ރޯދަ މަހު ބޭނުންވާ ތަކެތި ހަދިޔާކުރުމަށް އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން އިލްތިމާސްކޮށްފި އެވެ.

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އާކް އިން އިއްޔެ ބުނި ގޮތުގައި، ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި މާފުށީގައި ހުންނަ އެޑިއުކޭޝަން އެންޑް ޓްރޭނިން ސެންޓަރު )އީޓީސީސީ( އަދި ފޭދޫ ފިނޮޅުގައި ހުންނަ ކަރެކްޝަނަލް ޓްރޭނިން ސެންޓަރު ފޯ ޗިލްޑްރަންގައި ތިބޭ ކުޑަކުދިންނަށް ރޯދަމަހަށް ޓަކައި ބޭނުންވާ ތަކެތީގެ ތެރެއިން މީހުން ހަދިޔާކުރާ ތަކެއްޗާ އެ ޖަމިއްޔާއިން ހަވާލުވެ، އެ ތަކެތި މަރުކަޒުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަދިޔާކުރަން ބޭނުންވާ ތަކެއްޗާ ހަވާލުވާނީ އޯކިޑްމަގުގައި ހުންނަ ނޫރާނީއާގެ ދެވަނަ ފްލޯގައި ހިންގަމުންދާ އާކުގެ އޮފީހުން ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ. މިމަހުގެ 14 އިން 28ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:00 އަށް ތަކެތި ބަލައިގަންނަމުންދާނެ އެވެ.

އާކުން ބުނީ، 19 އަހަރުން ދަށުގެ އެކިއުމުރުފުރާގެ ދެޖިންސުގެ ކުދިންނަށް ލެވޭނެ އީދު ހެދުމާއި އިތުރު އަންނައުނާއި އަދި އެކުދިންނަށް ބޭނުންވާ މުނިފޫހިފިލުވައިދިނުމާއި ކުޅިވަރުގެ ސާމާނު ހަދިޔާކޮށްދިނުމަށް އެކުދިން ބަލަހައްޓަމުންދާ މަރުކަޒުތަކުން އިލްތިމާސްކުރާ ކަމަށެވެ. އަދި ފާހަނާއަށް ބޭނުންވާ ސަމާނާއި، ފޮތް ފަންސުރު ފަދަ ތަކެއްޗާއި، ބާލީސް އުރައާއި ބެޑް ޝީޓް ފަދަ ތަކެތީގެ އިތުރުން ދަޅު މޭވާ އާއި ސީރިއަލް ފަދަ ކާބޯތަކެތި ހަދިޔާކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.

ތަކެތި ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 3326367 އަށް ގުޅުމަށް އާކުން އެދިފައިވެ އެވެ.