12 Jul 2017, 18:32
އީދު ބަންދާ ގުޅިގެން ޖީއެސްޓީ، ބިޒްނަސް ޕްރޮފިޓް ޓެކްސް، ގްރީން ޓެކްސް އަދި ޓޫރިޒަމް ދާއިރާގެ ބިމު ކުލި ދައްކަންޖެހޭ ސުންގަޑި ޖުލައި މަހަށް ފަސްކުރުމާ ގުޅިގެން، ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ ރިކޯޑު މިންވަރަކަށް ދަށްވެއްޖެއެވެ.
މީރާއިން ނެރުނު ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެ މަހު ލިބުނު އާމްދަނީއަކީ 906.3 މިލިޔަން ރުފިޔާއެވެ. އޭގެ ތެރޭގައި 35.4 މިލިޔަން ޑޮލަރުވެސް ހިމެނެއެވެ.
މިދިޔަ މަހުގެ އާމްދަނީއަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތްތަކުން ނަގާ ޓެކްސްގެ ގޮތުގައެވެ. ޖީއެސްޓީއާއި ޓޫރިޒަމް ޖީއެސްޓީއާ އެކު ޖީއެސްޓީ އާމްދަނީގެ ގޮތުގައި ޖުމްލަ 238 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ގްރީން ޓެކްސްގެ ގޮތުގައި 37.2 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 160.9 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 43 މިލިޔަން ރުފިޔާ، އަދި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި 61 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ޖޫން މަހު ލިބުނު އާމްދަނީއަށް ބަލާއިރު، އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 41.9 މިލިޔަން ރުފިޔާ، ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 47.3 މިލިޔަން ރުފިޔާ އަދި ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި 193.9 މިލިޔަން ރުފިޔާވެސް ލިބިފައިވެއެވެ.
ޖުމްލަކޮށް ޖޫން މަހުގެ ތެެރޭގައި 906.3 މިލިޔަން ރުފިޔާ ލިބުނު އިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 39.9 ޕަސަންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު އާމްދަނީގެ ގޮތުގައި ލިބުނީ 1.5 ބިލިޔަން ރުފިޔާއެވެ.