12 Jul 2017, 19:08
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ފީ ނަގަން ފެށި ފުރަތަމަ މަހު، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް)ގެ ގޮތުގައި 41.9 މިލިޔަން ރުފިޔާ ދިވެހި ދައުލަތަށް ލިބިއްޖެއެވެ.
ދިވެހި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަ އެކު، ގާނޫނުގައިވާ ގޮތުން މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ވެލާނާ އެއާޕޯޓުން ރާއްޖެއިން ބޭރަށްދާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގައެވެ.
އެއީ ބޭރު މީހެއްގެ އަތުން 25 ޑޮލަރު އަދި ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރެވެ.
މެއި މަހު އެ ފީ ނަގަން ފެށި އިރު، މީރާއަށް އެ ފީ ދައްކަން ޖެހެނީ ކޮންމެ މަހެއް ފުރިހަމަކޮށް، ޖެހިގެން އަންނަ މަހުއެވެ. އެހެންކަމުން މެއި މަހު އެއާޕޯޓު ޑިވެލޮޕްމެންޓް ފީ، އެއަލައިންތަކުން މީރާއަށް ދެއްކީ ޖޫން މަހުއެވެ.
މީރާއިން އާންމުކޮށްފައިވާ، ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 2.74 މިލިޔަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ. އެއީ 41,988,396 ރުފިޔާއެވެ.
މީގެ އިތުރުން ޓެކްސް ރެވެނިއުގެ ގޮތުގައި ސަރުކާރުން ނަގާ އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 2.8 މިލިޔަން ޑޮލަރު، ނުވަތަ 43 މިލިޔަން ރުފިޔާ ޖޫން މަހު ލިބިފައިވެއެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީއަކީ މިއަހަރަށް ދައުލަތުން ކަނޑައެޅި ބަޖެޓުގައި، ދައުލަތަށް އާމްދަނީ ވެއްދުމަށް ތައާރަފުކުރި އާ ފީއެކެވެ. އެ ފީ ނެގުމަށް އެންމެ ކުރިން ރާވާފައި އޮތީ ދިވެހީންނާއި ބޭރު މީހުން ތަފާތުކުރުމެއް ނެތި، ކޮންމެ މީހެއްގެ އަތުން 25 ޑޮލަރެވެ.
އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފަހުން ވަނީ އޭޑީއެފްގެ ގޮތުގައި ދިވެހީންގެ އަތުން ނަގާ މިންވަރު 12 ޑޮލަރަށް ކުޑަކޮށްފައެވެ.