ދޯހާ(ޖުލައި 12): ގަތަރުގެ އަވަށްޓެރި ގައުމުތަކުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން ގަތަރަށް ވައިގެ މަގުން 4000 ގެރި އެތެރެކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ގަތަރުގެ ޕަވާ އިންޓަނޭޝަނަލް ހޯލްޑިން ކުންފުނިން ވަނީ އޭގެތެރެއިން 165 ގެރި އިއްޔެ އެގައުމަށް ގެންގޮސްފައެވެ. އެކުންފުނީގެ ޗެއާމަން މޫތާޒް އަލް ޚައްޔާތު ވިދާޅުވި ގޮތުގައި އެގެރިތައް ގަތަރަށް ގެންދަން 60 ފްލައިޓް ބޭނުންވާނެ އެވެ. އަދި އެގެރިތައް ގައުމަށް ގެންދިޔުމުން ގައުމަށް ބޭނުންވާ ޑައެރީ ބާވަތްތަކުގެ 30 ޕަސެންޓް ހަމަޖެހޭނެ އެވެ.

މީގެ ކުރިން ގަތަރަށް ޑައެރީ ބާވަތްތައް އެތެރެ ކުރީ ސައުދީ އަރަބިއާ ފަދަ އަވަށްޓެރި ގައުމުތަކުންނެވެ. ނަމަވެސް ގަތަރުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށް ބުނެ އެގައުމާއެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމަށް ފަހު ސައުދީން ވަނީ ދެގައުމުގެ މެދުގައި އޮތް ދަތުރުފަތުރުގެ ނިޒާމުތައްވެސް ހުއްޓާލާފައެވެ.

ސައުދީ އަރަބިއާގެ އިތުރުން ބަހްރެއިން، މިސްރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވެސް ވަނީ ގަތަރާއެކު އޮތް ހާރިޖީ ގުޅުން ކަނޑާލާފައެވެ. އޭގެ ސަބަބުން ގަތަރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތުރުކީ، މޮރޮކޯ އަދި އީރާނުން ވަނީ ގަތަރަށް ކާނާގެ ބާވަތްތައް ފޮނުވާފައެވެ. (ބީބީސީ)