ފަނޑިޔާރަކާ މެދު ފިޔަވަޅެއް ނާޅައި އެހެން ކޯޓަކަށް ބަދަލުނުކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

މިއަދު ނެރުއްވި ބަޔާނެއްގައި ސުއޫދު ވިދާޅުވީ އެއްވެސް ފަނޑިޔާރެއްގެ ނުރުހުމުގައި އެހެން ކޯޓަކަށް ބަދަލުކުރެވެންވާނީ ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އެއްވެސް ތަހުގީގެއް ނުކޮށް ފަނޑިޔާރެއްގެ ރުހުން ނެތި އެހެން ކޯޓަކަށް ފަނޑިޔާރަކު ބަދަލުކުރުމަކީ ގާނޫނު އަސާސީ އިން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމާ ޚިލާފު އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"10 ޖުލައި ދުވަހު ހެނދުނު ބޭއްވުނު ޖޭއެސްސީގެ ޖަލްސާއަކުން ގާޒީ ޢަބްދުލްބާރީގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައި ވަނިކޮށް ހަމަ އެދުވަހުގެ ރޭ ދަންވަރު ކުއްލިއަކަށް ޖޭއެސްސީގެ ޖަލްސާއެއް ބާއްވައި ޢަބްދުލް ބާރީ އެދަންވަރު އެހެން ކޯޓަކަށް ބަދަލުކުރުމަށް އެހާބޮޑު ޟަރޫރަތްތެރިކަމެއް މެދުވެރިވި ސަބަބަކީ ކޮބައިތޯ އެވެ،" ސުއޫދު ނެރުއްވި ބަޔާނުގައިވެ އެވެ.

ސަބަބެއް ދެއްކެވުމެއްނެތި ސުޕްރީމް ކޯޓުން އެދުނު އެދުމަކާއެއްގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެރެއިން އެރެއަށް ޖޭއެސްސީ އިން ދެ ފަނޑިޔާރަކު އެހެން ކޯޓުތަކަށް ބަދަލުކުރެއްވީ ޒިންމާދާރުކަމާ އެކު ކޮންކަން ކަމަކަށް ބައްލަވާފައިތޯ ސުއޫދު ވަނީ ސުވާލު އުފައްދައިފަ އެވެ.

ޖުވެނައިލް ކޯޓުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތީ އެންމެ 13 މައްސަލަ ކަމަށާއި އެ ކޯޓުގައި ހަތަރު ގާޒީން ތިއްބަވާ ކަމަށާއި ކޮންމެ ގާޒީއެއްގެ އަތްޕުޅުގައި އޮންނަނީ ތިން މައްސަލަ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެހެންކަމުން ޖުވެނައިލް ކޯޓަށް އިތުރު ފަނޑިޔާރަކު ބޭނުންނުވާއިރު އެ ކޯޓަށް ގާޒީ ބާރީ ބަދަލުކޮށްލީ ކީއްވެތޯ ސުއޫދު ވަނީ ސުވާލު އުފައްދާފަ އެވެ.