ރާއްޖޭގެ ޕްރައިވެޓް ކޮލެޖު، މިއަންޒް އިންޓަނޭޝަނަލް (މައި) ކޮލެޖުން މުޅި އަހަރު ދުވަހަށް ވަނީ ޚާއްސަ ޝިއާރެއް ކަނޑައަޅައިފައެވެ.

"ހެލްތު އެންޑް ފިޓްނެސް" ނުވަތަ "ސިއްހަތާއި ދުޅަހެޔޮކަން" މި ޝިއާރުގެ ދަށުން އެ ކޮލެޖުން މުޅި އަހަރު ދުވަހު ތަފާތު ހަރަކާތްތަކެއް ކުރިޔަށްދާ އިރު، އޭގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތަކީ "ފަންް ރަން"އެވެ.

މައި ކޮލެޖްގެ ރެކްޓަރ ޑރ. އާމާލް އަލީ "ސަން"އަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ އަދި އެތުލެޓިކްސް ކޯޗު ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން) ވަނީ މައި ކޮލެޖަށް ޗެލެންޖެއް ކުރައްވައިފައެވެ.

ކުޑަ ހުސެންއަކީ ރާއްޖޭގެ ތާރީހުގައި އެންމެ ކާމިޔާބު އެއް އެތުލީޓެވެ. އަދި 10،000 މީޓަރުގެ ދުވުމުގެ ގައުމީ ރިކޯޑު މިދިޔަ 27 އަހަރު ދަމަހައްޓަމުންދިޔައީ ވެސް އޭނާއެވެ. އިންޑިއާގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގައި ކުޑ ަހުސެންގެ އެ ރިކޯޑު ދާދި ފަހުން ވަނީ މުގުރާލައިފައެވެ. ކުޑަހުސެންގެ ދުވަސްވީ ރެކޯޑު މުގުރާލީ ދިގު ދުވުންތަކުގައި މިހާރު ގިނަ ކާމިޔާބީތަކެއް ހޯދަމުންދާ ހުސައިން ފަޒީލް ހާރޫނެވެ.

މައި ކޮލެޖުން ބޭއްވި ފުރަތަމަ "ފަން ރަން" ހަރަކާތުގައި ބައިވެރިވި ބައެއް ދަރިވަރުންނާ އެކު، އެ ކޮލެޖްގެ ރެކްޓަރ ޑރ. އާމާލް އަލީ -- ފޮޓޯ/ މައި ކޮލެޖް

މައި ކޮލެޖުން ބުނި ގޮތުގައި، ކުޑަ ހުސެން އެ ކޮލެޖަށް ކުރިމަތިކުރި ޗެލެންޖަކީ، އެ ކޮލެޖުގެ ދަރިވަރުން އޭނާއާ ވާދަކޮށް، ހުޅުމާލެ ވަށާ އަށް ބުރުގެ ރޭހެއް ކާމިޔާބު ކުރުމެވެ. މައި ކޮލެޖްގެ ދަރިވަރުން އެ ރޭހުގައި ދުވާނީ ރިލޭއެއްގެ ގޮތުގައެވެ.

ރޭހުން މައި ކޮލެޖު ކާމިޔާބުކޮށްފިނަމަ، 50،000 ރުފިޔާގެ ފައިސާގެ އިނާމެއް އެ ކޮލެޖަށް ދިނުމަށް ކުޑަ ހުސެން ވަނީ ނިންމަވައިފައެވެ.

މިއަހަރުގެ ފަހުކޮޅު ބާއްވާ ރޭހަށް ތައްޔާރުވުމުގެ ގޮތުން މައި ކޮލެޖުން މިހާރު ދަނީ ޕްރެކްޓިސް ދުވުންތައް ހުޅުމާލޭގައި ކުރިޔަށް ގެންދަމުންނެވެ. އެގޮތުން، މިހަފްތާގެ ހުކުރު ދުވަހު "ފަން ރަން"ގެ ދެވަނަ ދުވުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށް ދާނެއެވެ.

މައި ކޮލެޖުން މައުލޫމާތުދޭ ގޮތުގައި، އެ ކޮލެޖުގެ "ފަން ރަން" ހަރަކާތާއި، ޑރ. ހުސައިން ހަލީމްގެ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު، މައި ކޮލެޖުގައި ތައުލީމު ހާސިލުކުރާ، އަދި އެ ކޮލެޖަށް އަލަށް ވަންނަ ދަރިވަރުންނަށް އޮތީ ހުޅުވާލެވިފައެވެ.