ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލި ތިން ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް، އަލުން މިއަދު އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ތިން ދައުވާ އުފުލީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ނެގުމަށް ކުރިން ހަމަޖެހުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅުވައިގެން އޭގެ އެއްދުވަސް ކުރިން ޖުމްހުރީ ޕާޓީގެ އިދާރާ މާފަންނު ކުނޫޒުގައި ގާސިމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށެވެ.

އެރޭ ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ އެހެން ދާއިރާތައް ތަމްސީލްކުރައްވާ މެންބަރުން މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވައިފި ނަމަ، އެ މެމްބަރަކު ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓް ދޭނެކަމަށާއި، އެހެންހުރިހާ ގޮތަކުން ވެސް އެހީތެރިވެދޭނެ ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެގޮތަށް ވާހަކަ ދެއްކެވުމާ ގުޅިގެން ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ އާއި ވޯޓުދޭން ހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަށް އުޅުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ގާސިމްގެ މައްސަލަ އަނބުރާ ފޮނުވާލީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީހަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުނުވުމުން ކަމަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޕީޖީ އޮފީހުން ބުނީ މައްސަލަ އަނބުރާ ފޮނުވާލީ އަންގާރަ ދުވަހަށް ތާވަލްކޮށްދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ.

ގާސިމްގެ މައްސަލަ ބައްލަވަން ކުރިން އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެެއްޓެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ.