18 Jul 2011, 16:32
ދ. ވާނީގެ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ހަމައެކަނި އަންހެން ކައުންސިލަރު ހަރިއްޔާ އާދަމް އެ ކައުންސިލްގެ ނައިބު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވާނީ ކައުންސިލްގެ ރައީސް ޒަކަރިއްޔާ މުފީދު މިއަދު ވިދާޅުވީ، އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ހަރިއްޔާ ނައިބު ރައީސް ކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ކަމުގެ ސިޓީ އެކައުންސިލަށް މިދިޔަ އާދީއްތަ ދުވަހު ފޮނުއްވާފައިވާ ކަމަށާއި އެހެންނަމަވެސް ވަކިވެވަޑައިގެންނެވި ސަބަބު ސިޓީގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް މަގާމުގައި ހުންނަވަން ބޭނުންފުޅުނުވާ ކަމަށް ހަރިއްޔާގެ ސިޓީގައި ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވާނީ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ފަސް މެންބަރުންގެ ތެރެއިން ހަރިއްޔާ އެ މަގާމުން އިސްތިއުފާދެއްވި ނަމަވެސް އޭނާ ހުންނަވާނީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ކަމަށް ވެސް ރަށު ކައުންސިލުން ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ކައުންސިލްގެ ނައިބު ރައީސް ކަމުގެ މަގާމުން ހަރިއްޔާ އިސްތިއުފާދެއްވީ ކައުންސިލް ތެރެއިން އޭނާ އަށް ޕްރެޝާ އަންނަމުންދިއުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ހަރިއްޔާގެ ބަހެއް ސަން އަށް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.