12 Jul 2017, 15:04
ވޮޝިންޓަން (ޖުލައި 11): ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕެއިނަށް އެހީވެދޭނެ ކަމަށް ބުނި ރަޝިއާގެ ވަކީލަކާ ބައްދަލުކުރެއްވީ ބައްޕާފުޅަށް އެންގެވުމަކާ ނުލައި ކަމަށް ޑޮނަލްޑް ޓްރަމްޕް ޖޫނިއާ ވިދާޅުވެއްޖެ އެވެ.
ރަޝިއާ ސަރުކާރާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވިފައިވާ އެގައުމުގެ ވަކީލު ނަތަލިއާ ވެސެނިޓްސްކާޔާއާ ޓްރަމްޕް ޖޫނިއާ ބައްދަލު ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
އެބައްދަލުވުން ބޭއްވުމަށް ޓަކައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އިނގިރޭސިވިލާތުގެ ޕަބްލިސިސްޓެއް ކަމަށްވާ ރޮބް ގޯލްޑްސްޓޯން ޓްރަމްޕް ޖޫނިއާއަށް ފޮނުވި އީމެއިލްއެއްގައިވާ ގޮތުން އެބައްދަލުވުމުން ހިލަރީ ކްލިންޓަންއާ ދެކޮޅަށް ބޭނުން ކުރެވޭނެ މައުލޫމާތު ލިބިގެންދާނެ އެވެ.
ނަމަވެސް ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ޖޫނިއާ ވިދާޅުވި ގޮތުގައި އެބައްދަލުވުމުން އެއްވެސް ބޭނުންތެރި މައުލޫމާތެއް ލިބިފައި ނުވެ އެވެ. އެހެންކަމުން 20 މިނިޓަށް ކުރިއަށް ދިޔަ އެބައްދަލުވުމާ ބެހޭ މައުލޫމާތު ބައްޕާފުޅާ ހިއްސާކުރުމުގެ ބޭނުމެއް ނެތީ ކަމަށް ވެސް ޓްރަމްޕް ޖޫނިއާ ވިދާޅުވި އެވެ.
އަދި ވެސެނިޓްސްކާޔާ ވަނީ އޭނާއާ ރަޝިއާގެ ސަރުކާރާ ގުޅުމެއް ނެތް ކަމަށާއި ހިލަރީ ކްލިންޓަންއާ ބެހޭ ސިއްރު މައުލޫމާތު އެއްވެސް އިރެއްގައި ނުގެންގުޅޭ ކަމަށް ބުނެފަ އެވެ.
ިމިދިޔަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކޮށް އެފްބީއައި އާއި ގާނޫނު ހަދާ މަޖިލީހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. (ބީބީސީ)