ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މަމްބަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު މުސްތަފާ ޕީޕީއެމްން ވަކިކޮށްދިނުމަށް ފޮނުވި ސިޓީއަށް އަދި ގޮތެއް ނިންމެތް ނެތް ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމް އިން ވަކިކޮށްދިނުމަށް މުސްތަފާ ފޮނުވި ސިޓީގެ ޖަވާބުގައި އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނަރަލް އިގްބާލް އާދަމް ސޮއިކުރައްވައި ފޮނުވި ސިޓީގައި ބުނެފައި ވަނީ މުސްތަފާގެ ސުލޫކީ މައްސަލައެއް ބަލަމުންގެންދާތީ އެ މައްސަލަ ބަލައި ނިމުމުން ސިޓީގެ ޖަވާބުއަރުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ޕާޓީއެއްގައި ހުންނަން ބޭނުންނުވާ މެމްބަރަކަށް އެ ޕާޓީއަކުން ބޭނުން އިރެއްގައި ވަކިވުމުގެ އިހްތިޔާރު ގާނޫނުގެ ތެރެއިން ލިބިދީފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ ލިއުމެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި ނުވަ މެމްބަރުން ވެސް ވަނީ އެ ޕާޓީން ވަކިކޮށްދިނުމަށް އެދި ޕާޓީއަށާއި އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވައިފަ އެވެ. ނަމަވެސް އެ މެމްބަރުން ވެސް ވަކިކޮށްދިން ކަމެއް އަދި އެނގިފައެއް ނުވެ އެވެ.