ޒެޑް ފެކްޝަނުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާ ކަމަށް ބުނެ، މިދިޔަ ބުދަ ދުވަހު އެމްޑީޕީ ބަޔަކު މަޖިލިސް ކައިރިއަށް އެއްވެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތެރޭ "ހިސޯރު"ކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އިދިކޮޅު ބައެއް މެންބަރުން ޕްރޮސިކިއުޓާ ޖެނެރަލް )ޕީޖީ( އަށް ހުށަހަޅުއްވައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕަލްސް އެލައަންސް )ޕީއޭ( އާއި އާއި ޒެޑް ފެކްޝަނަށް ނިސްބަތްވާ 20 ވަރަކަށް މެންބަރުން މިއަދު މެންދުރު 2:45 އެހާކަންހާއިރު ޕީޖީ އޮފީހަށް ވަޑައިގެން ޕީޖީ އަހުމަދު މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު އެވެ. އެ މެމްބަރުން ވަނީ، އެމްޑީޕީން މަޖިލީހުގައި ތަޅުއަޅުވައި އަދި ބައެއް މެންބަރުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންލިބޭ ގޮތަށް އެމްޑީޕީން އަމަލުކޮށްފައިވާ ކަމަށް ބުނެ އެކަން ތަހުގީގުކޮށްދިނުމަށް އެދި ސިޓީއަކުން ޕީޖީއަށް ދަންނަވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ޕީޖީ އޮފީސް ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ، އެމްޑީޕީ އެކްޓިވިސްޓުންތަކެއް މަޖިލިސް ކައިރިއަށް އެއްވެ، މަޖިލިސް ގޭޓުގައި ތަޅުއަޅުވައި، ބައެއް މެމްބަރުންނަށް ޖިސްމާނީ އަނިޔާ ލިބުނު މައްސަލަ ވެސް މިއަދު ހުުށަހެޅުއްވި ކަމަށެވެ.

"މަޖިލީހުގައި އެމްޑީޕީ މެންބަރުން ތަޅުއަޅުވައި އަދި އެއްވުން މަނާ ސަރަހައްދެއްކަމައްވާ މަޖިލިސް ދޮށަށް އެއްވެ މި ހިންގި ހަމަނުޖެހުންތަކުގައި މެންބަރުންނަށް ވަނީ އެކި ގޮތްގޮތުން އަނިޔާތައްވެފައި. އަދި ނައިބު ރައީސް ވެސް ހިސޯރުކޮށް ބިރުދައްކާފައި. އެބޭފުޅާއަކީ ސެކިއުރިޓީ ލިބެން ޖެހޭ ބޭފުޅެއް. އަޅުގަނޑުމެން ދެކެނީ މިއީ ޖިނާއީ ކުށްތަކެއް ކަމަށް. އެހެންވެ އަޅުގަނޑުމެން މި މައްސަލަ ތަހުގީގު ކުރަން ލިޔުމަކުން ޕީޖީއަށް މި ދެންނެވީ،" މަހުލޫފު ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމެޓީތައް ބެހުމުގައި އުފެދުނު ހިޔާލުތަފާތުވުމުގައި ޒެޑް ފެކްޝަނުން އިސްވެ ތިބެ މަޖިލިސް ހުއްޓުވާކަމަށް ބުނެ އެމްޑީޕީން ވަނީ މި މަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު މަޖިލިސް ކައިރިއަށް އެއްވެ، އަޑުގަދަކޮށް މުޒާހަރާކޮށްފަ އެވެ. އަދި މަޖިލިސް ކައިރީ ހިނގި ހަމަނުޖެހުންތަކުގައި، ބައެއް މެންބަރުންނާއި މުޒާހަރާ ކުރި މީހުންނާއި އަދި ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ.