12 Jul 2017, 09:38
ބޮލީވުޑުގެ ބަތަލާ އަދި މޮޑެލް ކްރިތިކާ ޗައުދަރީ (27) މަރާލާފައި ވަނީ އޭނާ ގަތް ޑްރަގްތަކަކަށް ފައިސާ ނުދައްކައިގެން ކަމަށް ފުލުހުން ބުނެފި އެވެ.
ކްރިތިކާގެ މަރުގެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ޝަކީލް ޚާން (33) އަދި ބާސޫ ދާސް (409 އެވެ.
ފުލުހުން ބުނީ މިދިޔަ އަހަރުގެ ޖުލައި މަހު، ފުލުހުންގެ ހައްޔަރުގައި ތިބި ދެމީހުންގެ ތެރެއިން އެކަކު އަތުން ކްރިތިކާ 6000 ރުޕީޒްގެ ޑްރަގް ގަނެފައިވާ ކަމަށެވެ. އެ ފައިސާ ކްރިތިކާ ދައްކާފައި ނުވުމުން، ކްރިތިކާ މަރާލީ ކަމަށާއި އަދި މަރާލުމަށް ފަހު އޭނާގެ ހަށިގަނޑުގައި ހުރި ރަން ގަހަނާތައް ގެންދިޔަ ކަމަށް ދެ މީހުން ވަނީ އިއުތިރާފުވެފަ އެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހު ކްރިތިކާގެ މަރުވެ، ކުނިވެފައިވާ ހަށިގަނޑު ފެނިފައި ވަނީ އަނދޭރީގައި ހުންނަ އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ކްރިތިކާގެ ހަށިގަނޑު ފެނުނީ އޭނާގެ އެޕާޓްމެންޓުން ކުނި ވަސް ދުވާތީ ފުލުހުންނަށް ގުޅުމުން، ފުލުހުން ގޮސް އެޕާޓްމެންޓުގެ ދޮރު ހަލާކުކޮށްގެން ވަނުމުންނެވެ.
ކްރިތިކާގެ މަރާއި ޑްރަގް ޑީލަރުންނާއި ގުޅުމެއް ވާކަމަށް ފުލުހުންނަށް ޝައްކު ކުރެވުނީ ކްރިތިކާގެ ކޮޓަރިން ޑްރަގް ފެނުމުންނެވެ. އެހާ ހިސާބުން ފުލުހުން ވަނީ ޑްރަގް ޑީލަރުންގެ ރެކޯޑުތައް ޗެކްކޮށް މައުލޫމާތު އެއްކުރަން ފަށައިފަ އެވެ.
ކްރިތިކާ ދިރިއުޅެމުން ދިޔަ އިމާރާތާއި އިންވެގެން ހުންނަ ފައްޅިއެއްގެ ސީސީޓީވީ ފުޓޭޖްތައް ޗެކް ކުރުމުން، ޖޫން އަށް ވަނަ ދުވަހު ޝަކީލް އާއި ދާސް އެ އިމާރާތުން ނުކުމެގެން ދާ މަންޒަރު ވަނީ ފެނިފަ އެވެ.
ޝަކީލް ބުނީ ކްރިތިކާ މަރާލުމަކީ ބޭނުންވި ގޮތް ނޫން ކަމަށާއި އެހެން ނަމަވެސް ކްރިތިކާ އަތުން ފައިސާ ހޯދަން ދިއުމުން، ކަންކަން ކޮންޓްރޯލުން ބޭރުވީ ކަމަށެވެ.