ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ސުޕްރީމް ކޯޓުގެ އެހީގައި ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް އެމަނިކުފާނު ރައްދު ދެއްވައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމް އަށް ސޮއިކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނީ ގައިޑްލައިނެއް ކަމަށާއި އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވީ އެ ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވި އިންތިޚާބުން ކަމަށެވެ.

"ސުޕްރީމް ކޯޓުން ގައިޑްލައިންތަކެއް ކަނޑައެޅީ. ވޯޓުލީ ރައްޔިތުން. ހަތަރު ވަނަ ބުރުގައި ހަމަ ސަޅިކޮށް ބަލިކޮށްލާފައި އަޅުގަނޑު އައީ އިރާދަކުރެއްވިއްޔާ. ސުޕްރީމް ކޯޓަކުން ނޫން އައީ ދެއްތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމަނިކުފާނު ނޫން ކަމަށާއި ކޯޓަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށެވެ. އަދި ޕީޕީއެމް އިން އެ މައްސަލައިގެ ތެރެއަށް ދަތައްޚުލްވީ ކަމަށާއި އެއީ އެމަނިކުފާނަށް އެނގިވަޑައިގެން ކުރެއްވި ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑެއް ނޫން ތަދައްޚުލްވީ. އަޅުގަނޑަށް އެނގިގެނެއް ވެސް ނޫން ތަދައްޚުލްވީ. އެހެންވީމަ އަޅުގަނޑެއް ނުކުރަން ތިޔަ ކަމެއް. ސުޕްރީމް ކޯޓަށް ދިޔައިއްޔާ ދިޔަބަޔަކު ދިޔަ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އަންނަ އަހަރު މިނިވަން އިންސާފުވެރި އިންތިޚާބެއް ނޯންނާނެ ކަމަށް އިިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ސުވާލު ދެންނެވުމުން ރައީސް ޔާމީން ވެސް ސުވާލެއް ކުރިމަތިކުރެއްވި އެވެ.

"އެބޭފުޅުން ކޮބައިތޯ މިނިވަން އިންތިޚާބެއް ނެތް ކަމަށް ދައްކަވާ ބަހަނާ [ގައި]. ނޫނީ ހުއްޖަތަކީ ކޮބައިތޯ. އެބޭފުޅުންނަށް ދެއްކެވިއްޖެތޯ މިހާތަނަށް ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް އަޅުގަނޑުގެ ޒައާމަތުގައި ނެތި ހިނގައްޖެ ކަމަށް ދެއްކެވިއްޖެތޯ،" ރައީސް ސުވާލުތައް ކުރުމަތިކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް ރާއްޖެ އިން ބޭރުން އޮބްޒާވަރުން ވަޑައިގެންނެވި ކަމަށާއި ރިޔާސީ އިންތިޚާބުގައި ވެސް ބޭރުގެ އޮބްޒާވަރުން ވަޑައިގަންނަވާނެ ކަމަށެވެ. އަދި މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަކީ މިހާތަނަށް ބޭއްވި އެންމެ އިންސާފުވެރި އިންތިޚާބު ކަމަށް ހުރިހާ ފަރާތްތަކުން ވެސް ބުނަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކީއްކުރަންތޯ އަޅުގަނޑު 2018ގެ އިންތިޚާބު ހައިޖެކްކުރަންވީ. އަޅުގަނޑަށް ކޮން ފައިދާއެއްތޯ އޮތީ. އިދިކޮޅުގައި ތިބޭ އިރު ތިޔަ ކަހަލަ ލައްކަ ވާހަކަ ދައްކަވާނެ އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސުޕްރީމް ކޯޓުން ގައިޑްލައިނެއް ނެރުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މުޅި ސިސްޓަމް ހައިޖެކްކޮށްފައި ވަނިކޮށް ކަމަށެވެ.