12 Jul 2017, 09:04
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ކުރިއަށް އޮތް ފިލްމު "ބޮސް"ގެ ލީޑު ރޯލުން ފެނިގެންދާނީ ބެލުންތެރީންނަށް ހައިރާންކަމެއް ގެނެސްދޭނޭ، އެހެން ނަމަވެސް ފިލްމީ ދާއިރާއަށް މުޅިން އާ ފަންނާނެއްކަމަށް، އެ ފިލްމުގެ ވާހަކަތައް ދެކެވެން ފެށީއްސުރެ "ބޮސް"ގެ ޓީމުން ދިޔައީ ބުންމުންނެވެ. އެންމެފަހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ "ބޮސް"ގެ ލޯންޗިން އާއެކު ފިލްމުގެ ބަޠަލަކީ ކާކުކަންވެސް ވަނީ ހާމަކޮށްފައެވެ.
މަރިޔަމް އައްޒަ ލީޑު ރޯލުން ފެނިގެންދާ "ބޮސް"ގެ ބަޠަލް މުޙައްމަދު ޔުނާން އަކީ، ފިލްމީ ދާއިރާއަށް އާ މޫނެއް ނަމަވެސް، އޭނާއަކީ ކެމެރާ ކުރިމައްޗަށް އާ މޫނެއް ނޫނެވެ. އޭނާ ވަނީ މީގެކުރީން އޮފީސްތަކުގެ ޓެލެ ޑްރާމާ މުބާރާތުގައި ދެ ފަހަރެއްގެ މަތީން އެމްޑަބްލިއުއެސްސީގެ ޑްރާމާގައި ހުނަރު ދައްކާލައިފައެވެ.

ޖުލައި 7، 2017: ދިވެހި ފިލްމު 'ބޮސް' ގެ ޓީޒާ ޕޯސްޓަރު އިފްތިތާހުކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުރިން ކެމެރާ ކުރިމަތީގައި އޭނާގެ ހުނަރު ދައްކާލި ނަމަވެސް މިފަހަރު ޔުނާނަށް ކުރިމަތިލާން މިޖެހެނީ ޑްރާމާއަކަށް ވުރެ މާ ބޮޑު މަޝްރޫއަކާއެވެ. ޚާއްސަކޮށް ނަހުލާގެ ލޯބީގެ ފިލްމެއްގެ ލީޑުރޯލުކުޅެން ޖެހުމަކީ ފަސޭހަ ކަމަކަށް ނުވާނޭކަން ޚުދު ޔުނާންވެސް ގަބޫލުކުރެއެވެ.
ފިލްމީ ދާއިރާއަށް އައުމަކީ ޔުނާން އެންމެ ޅައުމުރުއްސުރެންވެސް ދެކެމުން އައި ހުވަފެނެކެވެ. ޚާއްސަކޮށް ނަހުލާގެ ފިލްމެއްގައި ހަރަކާތްތެރިވުމަށް އޭނާއައީ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ. އެންމެ ފަހުން އޭނާގެ ހުވަފެން ހަގީގަތަކަށް ވީއެވެ.

ޖުލައި 7، 2017: ދިވެހި ފިލްމު 'ބޮސް' ގެ ޓީޒާ ޕޯސްޓަރު އިފްތިތާހުކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޔުނާންގެ އުންމީދަކީ، ނަހްލާގެ ފިލްމުތަކަށް ކެތްމަދުވެފައިވާ ފަރާތްތަކުގެ "ހިތްތައް" އޭނާގެ ފުރަތަމަ ފެނިލުމުންވެސް އަތުލައިގަތުމެވެ.
"އަސްލު ކުޑައިރުއްސުރެންވެސް ޔުނާން ވަރަށް ބޭނުންވި ކަމެއް މިއީ. ހާއްސަކޮށް ނަހޫގެ ފިލްމަކުން މި ފުރުސަތު ލިބުނީތީ ވަރަށް އުފާކުރަން. ދެން ނަހޫއަކީ މިކަމުގެ ތަޖްރިބާކާރު، ވަރަށް ވެސް މޮޅު މީހެއްވީމަ، ބޭނުންވޭ ޔުނާނަށް ދެއްކޭ އެންމެ ބެސްޓު ދައްކަން،" ފިލްމީ ދާއިރާއަށް ނުކުތުމަށް ލިބުނު ފުރުސަތާ ގުޅޭގޮތުން ޔުނާން ބުންޏެވެ.

ޖުލައި 7، 2017: ދިވެހި ފިލްމު 'ބޮސް' ގެ ޓީޒާ ޕޯސްޓަރު އިފްތިތާހުކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަހުލާގެ ފިލްމަކަށްވާތީ އެއީ ވަރުގަދަ ޗެލެންޖެއްކަން ޔުނާން ދަނެއެވެ. އެހެންކަމުން ފިލްމުން ފުރުސަތު ލިބުމާއެކު އޭނާ ވަނީ، ނަހުލާގެ ފިލްމުތައް ވަރަށް ރަނގަޅަށް ބަލައި އޭގެ ކެރެކްޓަރތައް ދެނެގަތުމުގެ މަސައްކަތް ފަށައިފައެވެ.
"ނޭނގޭ އެއްޗެއްވިއްޔާ ރިޝްމީ ކައިރިންވެސް އަހަން. އަދި ނަހޫ ކައިރިއަށް ވެސް އަމިއްލައަށް ގޮސް އަހަން.
"ނަހޫގެ ކުރީގެ ފިލްމުތައްވެސް ވަރަށް ބަލާލާފައި ހުންނާނީ. އެއީ ޚާއްސަކޮށް ހަމަ އެ ކެރެކްޓަރތައްވެސް ދަނެގަންނަން ބޭނުންވާތީ."
ކޮންމެއަކަށް ޔުނާން ހުރީ އޭނާގެ "ބެސްޓް" ދައްކާލުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ފުރަތަމަ ފިލްމަކީ ވެސް ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑިއުސަރުގެ ފިލްމަށް ވާތީ އެކަމުގައި ކުރިމަތިލާން ޖެހިދާނޭ ހުރިހާ ކަމަކަށްވެސް ޒުވާން އެކްޓަރު ވަނީ ކަމަރު ބަނދެލައިފައެވެ.

ޖުލައި 7، 2017: މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތުމަތު ނަހުލާގެ ވާހަކައަކަށް ކުޅަދާނަ އެކްޓްރެސް އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ ދިވެހި ފިލްމު 'ބޮސް' ގެ ޓީޒާ ޕޯސްޓަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މި ފިލްމުގެ ބަޠަލާއަކީ ނަހުލާގެ އެންމެ ފަހުގެ ފިލްމު 4426ގެ ބަޠަލާ އައްޒަކަމަށް ވާއިރު، ނަހުލާގެ ފިލްމެއްގައި ހުންނާނެ ފެންވަރާއި ފަންވަރު އައްޒައަށް ނިކަން ރަނގަޅަށް އެނގެއެވެ.
" މި ފިލްމަކީ ނަހޫ ޕްރޮޑިއުސްކުރާ ފިލްމެއް. ނަހޫ ޕްރޮޑިއުސްކުރާ ފިލްމެއް ހަމަ ގައިމުވެސް ކުޑައެއް ނުވާނެ. ނަހޫ ވެއްޖިއްޔާ، ފިލްމު ހަމަ ވަރަށް ގްރޭންޑް ވާނެ،" ނަހުލާގެ އެއްފިލްމަށް ވުރެ އަނެއް ފިލްމު ވަރުގަދަ ވާނޭކަން ގަބޫލުކުރާ ކަން ހާމަކުރަމުން އައްޒަ ބުންޏެވެ.
އެހެންކަމުން ތަޖްރިބާ ހުރި ބަޠަލާއަކާއެކު ފިލްމީ ދާއިރާގެ އާ ތަޖްރިބާއަކާ ކުރިމަތިލާ ޔުނާންގެ ފެންވަރު ދައްކާލުމަށް، ޔުނާނަށް ލިބިފައި މިވަނީ ރަނގަޅު މަޝްރޫއެކެވެ. ފިލްމުގެ ޕްރޮޑިއުސަރު ނަހުލާގެ ވާހަކައިންވެސް އެކަން ހާމަވެއެވެ.
'ބޮސް'ގެ ލީޑު ރޯލުކުޅުމުގެ ފުރުސަތު ޔުނާނަށް ލިބިފައި ވަނީ، އެ ރޯލު އަދާކުރުމަށް ކުރިމަތިލީ ގިނަ އަދަދެއްގެ ބައެއްގެ ތެރޭން ނަހުލާއަށާއި، 'ބޮސް'ގެ ޑައިރެކްޓަރު އައިޝަތު ރިޝްމީއަށް އެންމެ ކަމުދިޔައީ ޔުނާން ކަމަށް ވާތީއެވެ.
ހިތާމައާއި ލޯތްބާއި އެނޫންވެސް އެފަދަ ޖަޒުބާތީ ޝުއޫރުތައް އެކުލެވޭ ފިލްމުތައް އުފައްދައިގެން ބެލުންތެރީންނާއި ކިޔުންތެރީންގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ވާހަ ލިޔުންތެރިޔާ ބުނީ، "ބޮސް"އަކީ ދިގު ބްރޭކަކަށް ފަހު އޭނާ އުފައްދާ، އަސަރުގަދަ ލޯބީގެ ފިލްމެއް ކަމަށެވެ.

ޖުލައި 7، 2017: ދިވެހި ފިލްމު 'ބޮސް' ގެ ޓީޒާ ޕޯސްޓަރު އިފްތިތާހުކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އާންމުކޮށް އަޅުގަނޑަކީ ލޯބިގެ ރޮމޭންޓިކް، ހިތާމަވެރި ފިލްމުތައް ނެރޭ މީހެއްވީމަ، އާންމުންނަށް އަޅުގަނޑު ބަލައިގަނެވިފަ މިއޮތީ ހަމަ އެ ސްޓައިލުން. އެހެންވީމަ ވަރަށް ބޮޑު ބްރޭކެއް، ޔޫސުފަށް ފަހު އަޅުގަނޑުގެ އެ ސްޓައިލްގެ ފިލްމެއް ނުނިކުމޭ،" ބޮސް އަކީ ކަލާޔާނުލާ، ޔޫސުފް އަދި ޒުލޭހާ ފަދަ، ނަހްލާގެ ކާމިޔާބު ފިލްތަކުގައި އެލެވިގެންވީ ހުރިހާ ރަހަތަކެއް ފެނިގެން ދާނެ ފިލްމެއްކަން ފާހަގަކުރަމުން ނަހޫ ބުންޏެވެ.
ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ މިފިލްމުގެ މުހިންމު ރޯލުތަކުން، ޔުނާނާއި އައްޒަގެ އިތުރުން ފެނިގެންދަނީ، އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ.
ފިލްމުގެ އެޑިޓިޑް ކުރަނީ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓަރު ރަވީ ފާރޫގެވެ. ފިލްމުގެ ސިނެމެޓޮގްރަފީ ހަދާދީފައިވަނީ ސިނެސްޓޯމް އިންނެވެ.

ޖުލައި 7، 2017: ދިވެހި ފިލްމު 'ބޮސް' ގެ ޓީޒާ ޕޯސްޓަރު އިފްތިތާހުކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބޮސްގެ ހުރިހާ މަސައްކަތެއް ނިންމައި، ސިނަމާއާ ހަމައަށް އަންނާނޭކަމަށް ލަފާކޮށްފައިވާ ތާރީޚަކީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހެވެ. ކަނޑައެޅިފައިވާ ތާރީޚަށް ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމައި ބެލުންތެރީންނަށް ގެނެސްދެވޭނޭ ކަމަށް ނަހުލާ އުންމީދުކުރެއެވެ.