12 Jul 2017, 08:56
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ވޯޓު ހަމަވިޔަސް، އިންސާފުވެރިކަމާ އެކު ހުކުމް އަންނައިރު، މަގާމުން ދުރުކުރާ ވަރުގެ ކަމެއް މަސީހު ކުރައްވާފައި އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމަށް ސޮއިކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ކުރިން ހުށަހެޅި ސަބަބުތަކަށް ބަލާއިރު ވެސް ސާބިތުކުރެވޭ ކަންތައްތަކެއް ނެތް ކަމަށެވެ.
އޭރު މައްސަލަ ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް އޭނާ ހުށަހެޅުއްވި ކަންތައްތަކަށް ޖަވާބުދާރީވެވިފައިނުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި މަޖިލީހުން ގޮތެއް ނިންމިޔަސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި ގޮތް ނިންމުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އެހެންވެއްޖެ ކަމަށް ވެއްޖެއްޔާ މިދެންނެވި ގޮތަށް އެ އަމުރުގެ ދަށުން އިންސާފުވެރިކަމާ އެކު ހުކުމް އަންނައިރު، އަދި ވޯޓު ހަމަވެދާނެ ކަމަށް ވީނަމަވެސް މަޖިލީސް ރައީސް މަގާމުން ދުރުކުރާވަރުގެ ކަމެއް މަޖިލީސް ރައީސް ކުރައްވާފައި އޮންނާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނާ ޚިލާފު ކަމެއް މަސީހު ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ގަބޫލުނުކުރައްވާ ކަމަށެވެ.
މަސީހުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އޭނާ ޖަވާބުދެއްވުމަށް ފަހު ވޯޓަށް އަހާ އިރު މަސީހުގެ ގޯހެއް ނޫޅޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގަވާއިދާ ޚިލާފަށް ކަމެއް ކުރައްވާ ނަމަ އެކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނައުމަކީ ކޮންމެ މެމްބަރެއްގެ ވެސް ޒިންމާއެއް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިމޭރުމުން ވާހަކަފުޅުދައްކަވާފައިވާ އިރު، މަޖިލިސް މެމްބަރުންނާ ގުޅޭ މައްސަލައެއް އެޓާނީ ޖެނެރަލް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ އަކީ އެ މެމްބަރަކު އިންތިޚާބުވެވަޑައިގަތް ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ އެ މެމްބަރެއްގެ ގޮނޑިގެއްލޭނެ ކަމަށް ގާނޫނު އަސާސީ މާނަކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.