12 Jul 2017, 09:02
މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ހުރިހާ ގޮތަކުންވެސް ތަފާތެވެ. މިއަހަރު ބާއްވާ އެވޯޑްސް ކުރިޔަށް ދާނީ ތަފާތު ހަތަރު ބަޔަކަށް ބަހާލެވިގެންނެވެ. އެއީ ތިން އެޑިޝަނަކާއި، ބޮޑު ކޮންފަރަންސެކެވެ.
މީގެ އިތުރުން މިއަހަރުގެ ޓްރެވަލް އެވޯޑްސް ރާވައި ހިންގައި، މެނޭޖުކުރަނީ އެހެން އަހަރުތަކާ ޚިލާފަށް، ސީދާ މަޓާޓޯއިންނެވެ.
މިއަހަރުގެ އެވޯޑްސްގެ ފުރަތަމަ ހަރަކާތް، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން މާދަމާރޭ އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި ކުރިޔަށް ދާނެއެވެ.
އެ އެވޯޑްސް ހަފްލާގެ ހޯސްޓުންނަކީ މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް (އަސޫ) އާއި މޯލްޑިވިއަން އައިޑަލްގެ ހޯސްޓު މޫސާ ވަސީމެވެ.
މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސޫ ވިދާޅުވި ގޮތުގައި، މިއީ އޭނާ މިފަދަ ގޮތަކަށް ފެނިގެން ދާނެ ފުރަތަމަ ފަހަރެވެ. ބޮޑު ހަފްލާއެއް މިފަދަ ގޮތަކަށް ޕްރެޒެންޓް ކުރަން އަސޫ ތައްޔާރުވަމުންދާ އިރު، އޭނާ ހުރީ އޭނާގެ ކޯ ހޯސްޓް މޫސާ ވަސީމްއާ އެކު ޕްރެޒެންޓް ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފަލުންނެވެ.
އަސޫއަކީ ދާދި ފަހަކާ ޖެހެންދެން މީޑިއާއާ ބީރައްޓެހި މޫނެކެވެ. މަޓާޓޯގައި އަސޫ މަސައްކަތް ކުރަން ފެށި ފަހުން އެ ޖަމިއްޔާގެ ކަންކަމާ ބެހޭ މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދޭން ނުކުންނަނީ އަސޫއެވެ. ޓީވީތަކާ ދުރުން އުޅުނު އަސޫ މިހާރު މީޑިއާއަށް ވަރަށް ފަރިތަވެސް ވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާގައި މަސައްކަތް ކުރާ، އަދި މުޅި ރާއްޖޭގައިވެސް އެންމެ މަގުބޫލު އެއް މޫނު މޫސާ ވަސީމް "ސަން"އާ ވާހަކަ ދައްކަމުން ބުނީ، މިފަދަ އެވޯޑު ހަފްލާތައް ޕްރެޒެންޓު ކުރުމަކީ އޭނާއަށް ވެސް އާ ކަމެއް ކަމަށެވެ.
މަޓާޓޯ ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަންގެ ދެ ހޯސްޓުން މޫސައާއި އަސޫ، މަޝްހޫރު ހޯސްޓު މަރިޔަމް ވަހީދާއާ އެކު ޕްރެކްޓިސް ކުރިޔަށް ގެންދަނީ -- ފޮޓޯ/ މޫސާ ވަސީމް
މިދިޔަ ހޮނިހިރު ދުވަހު ސަން އަކުއާ ވިލުރީފް ރިސޯޓުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ ހޯސްޓުކުރީ މޫސައެވެ. އެއީ ޓޫރިޒަމް އެވޯޑްސް ހަފްލާއެއް އޭނާ ހޯސްޓުކުރި ފުރަތަމަ ފަހަރުކަމަށް އޭނާ ބުންޏެވެ.
މޫސަ ބުނި ގޮތުގައި، އޭނާވެސް ހުރީ މާދަމާ ރޭގެ އެވޯޑްސް ހަފްލާއަށް ކެތްމަދުވެފައެވެ. އަދި އެ ހަފްލާއަށް އަންނަ އެކިއެކި މީހުންނާ ބައްދަލުކޮށް ހެދުމުގެ ފުރުސަތުވެސް ލިބޭތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.
"މީގެ ހިތްގައިމު ކަމަކީ، ޕީޕަލްސް އެޑިޝަން މިއީ. ޓޫރިޒަމް ދާއިރާގެ ތަނބުތައް، އެންމެ ވަރުގަދަ މީހުން އެތަނުގައި އުޅޭނީ. އެމީހުންނާ ދިމާވެ، ވާހަކަ ދައްކާލާ ހަދާލަންވެސް ލިބޭތީ ވަރަށް އެކްސައިޓެޑް،" މޫސަ ބުންޏެވެ.
މޫސައާއި އަސޫ މިހާރު ގެންދަނީ، ތަޖުރިބާކާރު ހޯސްޓު މަރިޔަމް ވަހީދާ (މަރީ)އާ އެކު ފަރިތަކުރުންތައް ވެސް ކުރިޔަށް ގެންދަމުންނެވެ.
މާދަމާރޭ ހުދުރަންފުށީގައި އޮންނަ އެވޯޑްސް ހަފްލާގައި، ޓޫރިޒަމް ދާއިރާގައި އެކިއެކި ފަންނުތަކުންވެސް މަސައްކަތް ކުރާ، 10 ފަރާތެއްގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް "ޓޫރިޒަމް ޕާސަނަލިޓީ އޮފް ދަ އިޔާ" ނުވަތަ "ފަތުރުވެރިކަމުގެ ދާއިރާގައި އަހަރުގެ ޝަޚުސިއްޔަތު"ގެ އެވޯޑު ދޭނެއެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަނަށްފަހު، ގެސްޓްހައުސް އެޑިޝަނެއްވެސް މި އަހަރު ބާއްވާނެއެވެ. އަދި މަޓާޓޯ ޓްރެވަލް ކޮންފަރެންސާއި، ޓްރެވަލް އެވޯޑްސްގެ ގާލާވެސް މިއަހަރުގެ ތެރޭގައި އޮންނާނެއެވެ.
މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.