އައްޑޫ ސިޓީގެ ހުޅުމީދޫގައި އަޅާ މިފްކޯގެ މަސް ފެކްޓްރީ މިއަހަރު ނިމުމުގެ ކުރިން ނިންމައި، ހުޅުވިގެންދާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ވިދާޅުވީ ބައެއް މައްސަލަތަކާ ހެދި މަސް ފެކްޓްރީގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސް ފެކްޓްރީއެއް އެޅުމަށް ބިންގާ އެޅީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އަދުލީ ވިދާޅުވީ، އައްޑޫގެ މަސް ފެކްޓްރީ އަޅާ ލޮކޭޝަން ބަދަލުވުމުގެ ސަބަބުން އެ ފެކްޓްރީގެ ޑިޒައިނާ ތަކެތި ދެވަނަ ފަހަރަށް ހަދަން ޖެހުނު ކަމަށެވެ. އަދި ވެލި ނުލިބުމުގެ ސަބަބުން ލެވެލިންގްގެ މަސައްކަތް ހަތަރު މަހެއްހާ ދުވަހަށް މައްސަލަ ހުއްޓިފައި އޮތް ކަމަށެވެ.

އަދުލީ ވިދާޅުވީ އެތަން އެޅުމުގެ މަސައްކަތް މިހާރު އަނެއްކާވެސް ފެށިގެން ކުރިޔަށްދާ ކަމަށެވެ.

"ކޯލްޑް ސްޓޯރޭޖު އެތެރޭގެ މަސައްކަތްތައް ކުރަމުންދަނީ. ޖެނެރޭޓަރުތަކާއި އައިސް ޕްލާންޓްތައް ނިމި، ކްރޭންތަކުގެ މަސައްކަތްވެސް ނިމިފައި ވަނީ،

"އިރާދަކުރެއްވިއްޔާ ކޯލްޑް ސްޓޯރޭޖުތައް ނިމި، ބްރައިން ޓޭންކްސްއާއި ފްރީޒިންގް ކޮމްޕޯނެންޓްސްވެސް މިއަހަރު ފަހުކޮޅަށް ނިންމެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން މި ދަނީ،" އަދުލީ ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ވިދާޅުވީ މިއަހަރުގެ ފަހުކޮޅު ހުރިހާ މަސައްކަތްތަކެއް ނިމި، މި އަހަރުގެ ތެރޭގައި މަސް ފެކްޓްރީ ހުޅުވުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެތަން ހުޅުވާނީ މަސްވެރިންގެ މެރީނާއަކާ ވެސް އެކުގައި ކަމަށް އަދުލީ ވިދާޅުވިއެވެ.

އައްޑޫގައި ހަދާ މަސް ފެކްޓްރީގައި 150 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުންނަ އިރު، ދުވާލަކު 100 ޓަނުގެ މަސް އެތަނަށް ގަނެވޭނެއެވެ. މީގެ އިތުރުން އެތަނުން މަސްވެރިންނަށް ދުވާލަކު 100 ޓަނުގެ އައިސް ވެސް ވިއްކޭނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.