19:00


މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގެ ނަން، މިއަދުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބަދަލުކުރައްވައިފި އެވެ. އަދި އެ އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން، ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައިވެސް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގެ ނަން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަމަށް ބަދަލުކުރެއްވީ، ދިވެހިރާއްޖޭގައި މަތީ ތަޢްލީމުދޭ މުއައްސަސާތައް އިތުރުވެ، އަމިއްލަ ފަރާތްތަކުން މަތީ ތަޢްލީމު ދިނުމުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވަމުން މިދާ ދަނޑިވަޅުގައި ރާއްޖޭގެ މަތީ ތަޢްލީމުގެ ދާއިރާ ރެގިއުލޭޓްކޮށް، މަތީ ތަޢްލީމުގެ ފެންވަރު ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ތަރައްޤީ ކުރައްވައި ހަރުދަނާ ކުރެއްވުމަކީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.