11 Jul 2017, 23:30
ފްރެންޗް އޯޕަން ޗެމްޕިއަންސް ޖެލީނާ އޮސްޓަޕެންކޯ ބަލިކޮށް، ވޭތުވެދިޔަ 23 އަހަރު ތެރޭގައި ވިމްބަލްޑަންގެ ސެމީފައިނަލުން ޖާގަ ހޯދި އެންމެ ދޮށީ ކުޅުންތެރިޔާގެ މަގާމު ވީނަސް ވިލިއަމް ހޯދައިފިއެވެ.
އަންގާރަ ދުވަހު ކުޅުނު ވާދަވެރި ކުއާޓަރ ފައިނަލް މެޗުގައި އޮސްޓަޕެންކޯ އަތުން އުމުރުން ވީނަސް މޮޅުވީ 6-3, 7-5ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު 37 އަހަރުގެ ވީނަސް ވެގެންގޮސްފައި ވަނީ، 1994 ވަނަ އަހަރު މާޓީނާ ނަވްރަޓިލޯވާއަށް ފަހު، ވިމްބަލްޑަންގެ ސެމީން ޖާގަހޯދި އެންމެ ސީނިއަރ ކުޅުންތެރިޔާއަށެވެ.
ވިމްބަލްޑަން ފައިނަލްގައި މިހާތަނަށް އަށް ފަހަރު ވާދަކޮށްފައިވާ ވީނަސް، ސެމީގައި ވާދަކުރާން ޖެހޭނީ، އިނގިރޭސިވިލާތުގެ ޖޮހަންނާ ކޮންޓާއާއި ރޫމޭނިއާގެ ސިމޯނާ ހަލެޕާ ވާދަކޮށް މޮޅުވާ ކުޅުންތެރިއަކާ ދެކޮޅަށެވެ.
ދުނިޔޭގެ ރޭންކިންގެ 11 ވަނައިގައި އޮތް ވީނަސް ވަނީ މިއަހަރު އޮސްޓްރޭލިއަން އޯޕަންގެ ފައިނަލްގައި ވާދަކޮށް ބަލިވެފައެވެ. އެހެން ނަމަވެސް އޭނާ މިވަނީ، 2008 ވަނަ އަހަރުގެ ވިމްބަލްޑަން ކާމިޔާބުކުރިފަހުން، އަނެއްކާވެސް އެ މުބާރާތް ކާމިޔާބުކުރުމަށް މިސްރާބު ހިފައިފައެވެ.