11 Jul 2017, 23:08
ކުރީގެ ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަަށް ވަޑައިގެންނެވޭނީ އެމަނިކުފާނު ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ބޭއްވި ހަފްލާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް ދޫކޮށް ދިޔަ ގިނަ މެމްބަރުންތަކެއްގެ އެއް ޝަކުވާއަކަށްވެފައި އޮތީ އަދީބު ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ނުފޮނުވަނީ ކީއްވެތޯ ކަމަށެވެ. އަދި ރައީސް ވަނީ އެ ސުވާލަށް ޖަވާބުވެސް ދެއްވާފައެވެ.
އަހުމަދު އަދީބު ބޭހަށް ބޭރަށް ވަޑައިގަންނަވަންވީ އެއަކަށް ހުރަހެއް ނެތް. އެކަމަކު އޭގެ ކުރިން ދައުލަތުން މި ނެގި ފައިސާ ދައުލަތަށް ދައްކަވާ.ރައީސް ޔާމީން
" އަޅުގަނޑު ބުނިން ތި ޖަވާބު ވަރަށް ކުރީކޮޅު ދީފީމޭ. އަހުމަދު އަދީބު ބޭހަށް ބޭރަށް ވަޑައިގަންނަވަންވީ، އެއަކަށް ހުރަހެއް ނެތް. އެކަމަކު އޭގެ ކުރިން ދައުލަތުން މި ނެގި ފައިސާ ދައުލަތަށް ދައްކަވާ. ދައުލަތުން ނެގި ފައިސާ ދައުލަތަށް ދައްކަވާފައި އޭސީސީ މެދުވެރިކުރަށްވައި އެ ފައިސާ ދައުލަތުން ރިކަވާ ކުރެއްވުމަށްފަހު ދެން އަހުމަދު އަދީބު ބޭރަށް ވަޑައިގަންނަވާ. އޭގެ ކުރިން އެކަން ކުރެވޭނެ ގޮތެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަދީބުގެ ބޭސްފަރުވާއަށް ދައުލަތުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގެ ހުރިހާ ފެސިލިޓީއެއް ބޭނުންކުރުމުގެ ހުއްދަ އެމަނިކުފާނު ދީފައިވާނެ ކަމަށާއި ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ވެސް އަދީބަށް ދީފައިވާނެ ކަމަށެވެ.
"އަދީބަށް ބޭސްކުރުމުގައި އެއްވެސް ހުރަހެއް އަދި މަނަލެއް ވެސް ނެތް. އެކަމު ކީއްކުރަން ތޯ އަޅުގަނޑު ދޫކުރަށްވައި ދިޔަ ބައެއް މެމްބަރުން އަޅުގަނޑަށް މަޖުބޫރު ކުރަށްވަނީ އަހުމަދު އަދީބު ބޭހަށް ފޮނުވަން. އަޅުގަނޑެއް އެއަކަށް ތަބައެއް ނުވާނެ،" ރާއީސް ވިދާޅުވިއެވެ.
ޓެރަރިޒަމާއި ހިޔާނާތުގެ މައްސަލައެއްގައި 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ ސިއްހީ ގިނަ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާއިންނާއި ގާނޫނީ ވަކީލުން އަންނަނީ އަދީބު ބޭރަށް ބޭސްފަރުވާއަށް ފޮނުވައި ދިނުމަށް ސަރުކާރަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.