18 Jul 2011, 16:18
ގއ. ގެމަނަފުށީ މިސްކިތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ރަށު ކައުންސިލުން އިސްނަގައިގެން ރޯދަ މަހަށް އެ ރަށު މިސްކިތް ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ގެމަނަފުށީ ކައުންސިލްގެ ރައީސް އާސިމް މުހައްމަދު މިއަދު ވިދާޅުވީ މިސްކިތް ބޮޑު ކުރަން ނިންމީ ރަށަށް އެ އަތޮޅު ދިޔަދޫގެ މީހުން ވެސް އައިސް އާބާދީ އިތުރުވެ ޖާގައިގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން ކަމަށެވެ. އަދި މިސްކިތް ބޮޑު ކުރުމުގެ މަސައްކަތުގެ ދަށުން މިސްކިތުގެ އަރިމަތިން 15 ފޫޓު 48 ފޫޓު އިތުރުކޮށްފައިވާ ކަމަށާއި މުޅި މަސައްކަތް ނިންމާލުމަށް 70،000ރ ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިމަސައްކަތް ކުރަމުން މިގެންދަނީ ކައުންސިލާއި ރަށު ރައްޔިތުންގެ ތެރެއިން ހެޔޮއެދޭ ބަޔެއްގެ ވަރަށް ބޮޑު އެހީއާ އެކު،" އާސިމް ވިދާޅުވި އެވެ.
މިސްކިތް ބޮޑު ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވަށާފާރު ރާނައި ފައުންޑޭޝަން އަޅައި ނިމިފައިވާ ކަމަށާއި ދެން އޮތީ މަތިވަޑާމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ރަށު މިސްކިތަށް އިތުރުކުރާ ބައި ރޯދަ މަހުގެ ފުރަތަމަ ދުވަހު ބޭނުން ކުރެވޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.