އިނގިރޭސި ލީގު ޗެމްޕިއަން ޗެލްސީގެ ތަރި އެޑެން ހަޒާޑް އެ ކްލަބުދޫކޮށް ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ގުޅެން އެއްބަސްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔޫކޭގެ ސަންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗެލްސީގެ ބެލްޖިއަމް މިޑްފީލްޑަރު ވަނީ ހައިރާންކުރުވަނިވި ގޮތަކަށް ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ ކްލަބަށް ބަދަލުވުމަށް އެއްބަސްވެފައެވެ.

ހަޒާޑުގެ ޓްރާންސްފަރ ފީއެއްގެ ގޮތުން 100 މިލިއަން ޕައުންޑު ޗެލްސީއަށް ހުށަހެޅުމަށް ރެއާލުން ތައްޔާރުވަމުން ދާކަމަށްވެސް ދަ ސަންގައި ރިޕޯޓުކޮށްފައި ވެއެވެ.

ޗެލްސީގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑް --- ފޮޓޯ: އޭޕީ

ރިޕޯޓުތައް ބުނާގޮތުން އުމުރުން 26 އަހަރުގެ ބެލްޖިއަމް ކެޕްޓަން ރެއާލަށް ބަދަލުވުމަށް އެއްބަސްވެފައި ވަނީ، ކްރިސްޓިއާނޯ ރޮނާލްޑޯއާއި ގެރެތު ބޭލަށް ލިބޭވަރުގެ ބޮޑު މުސާރައަކަށް ކަމަށެވެ.

ހަޒާޑަކީ ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުންދީން ޒިދާނަށް ވަރަށް މަގުބޫލު އަދި ވަރަށް ގަޔާވާ ކުޅުންތެރިއެއްކަން އޭނާ މީގެކުރިން ހާމަކޮށްފައިވެއެވެ.

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ގެބޯންގެ ފޯވާޑް ޕިއެރޭ-އެމަރިކް އޮބަމަޔޮން -- ފޮޓޯ: ބީބީސީ

ޗެލްސީން މިހާރު ދަނީ، ހަޒާޑް އެ ކްލަބު ދޫކޮށް ހިނގައިދާނޭކަމަށް ބަލައި، އޭނާގެ ބަދަލުގައި ކުޅުންތެރިއެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ބޮރޫޝާ ޑޯޓްމަންޑުގެ ޕިއެރޭ-އެމަރިކް އޮބަމަޔޮން ހޯދުމަށް ޗެލްސީން އެ ކްލަބާ މަޝްވަރާކުރަމުން ދާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.