ރާއްޖޭގެ ފަތުރުވެރިކަމުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑަކީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއެވެ. މިއަހަރަކީ މި އެވޯޑްސްގެ ހަތް ވަނަ އަހަރެވެ. ހަ ވަނަ އަހަރާ އެކު އެވޯޑު ފުޅާވެ، ހަތަރު އެޑިޝަނެއް ބާއްވާ އިރު، އޭގެ ތެރެއިން ފުރަތަމަ ހަރަކާތް ބާއްވާ ދުވަސް އައިސް ޖެހެނީއެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސް 2017ގެ އެންމެ ފުރަތަމަ ހަރަކާތަކީ ޕީޕަލްސް އެޑިޝަން އެވޯޑްސްއެވެ. ޕީޕަލްސް އެޑިޝަން އެވޯޑުގައި، ފަތުރުވެރިކަމާ ގުޅުންހުރި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ 10 ފަރާތެއްގެ އަގު ވަޒަން ކުރާނެއެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި، އެވޯޑު ލިބޭ 10 ފަރާތެއް މިހާރު ވަނީ ކަނޑައަޅާ ނިމިފައެވެ. އެއިން ކޮންމެ ފަރާތަކަށް "ގެ ނަމުގައި އެވޯޑެއް ލިބޭނެއެވެ.

އަސޫ ވިދާޅުވި ގޮތުގައި، އެވޯޑު ލިބޭ ފަރާތްތަކުގެ ތެރޭގައި ޓޫރިޒަމުގެ ތެރެއިން ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ.

ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާގެ ގާލާ، އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައި ކުރިޔަށްދާ އިރު، މަޓާޓޯ ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން ކުރިޔަށް ދާނީ އެ ގާލާގެ ތެރެއިންނެވެ.

އެވޯޑްސް ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވާނެއެވެ.

މި އެެވޯޑްސްއަށްފަހު ކުރިޔަށް ދެން އޮންނާނީ މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނެވެ. މީގެ އިތުރުން މަޓާޓޯއިން އިންތިޒާމުކުރާ ޓްރެވަލް ކޮންފަރެންސެއްވެސް ބާއްވާ އިރު، އަހަރުގެ އެންމެ ފަހު ހަރަކާތަކީ މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ހަފްލާތައް ރާވައި މެނޭޖުކުރަނީ ސީދާ މަޓާޓޯއިންނެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގެ ތިން އެޑިޝަނުގެ ވެސް ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ. މިއީ އެމްއޭސީއެލްއިން މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރކަން ނަގާ ހަތްވަނަ އަހަރެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.