ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ގޯލްޑަން ފުޓްސަލް ޗެލެންޖް 2017"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ އޮކްޓޯބަރު މަހު ފެށުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެ މުބާރާތުގައި މާލޭ ސިޓީ އަދި ފުވައްމުލައް ސިޓީ ފިޔަވާ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެއް ޓީމަށް ބައިވެރިވެވޭނެއެވެ. މާލޭ ސިޓީ އަދި ފުވައްމުލައް ސިޓީގެ ކޮންމެ އަވަށަކުން ޓީމަކަށް ބައިވެރިވޭނެއެވެ.

އެ މުބާރާތުގެ ގަވާއިދުގައިވާގޮތުން، ކޮންމެ ޓީމަކަށް ވެސް ކުޅެވޭނީ އެ ރަށެއް ނުވަތަ އަވަށެއްގައި ރަޖިސްޓަރީ ވެފައިވާ ކުޅުންތެރިންނަށް އެކަންޏެވެ. ނަމަވެސް ދަފްތަރުގައި ހިމެނޭ ކުޅުންތެރިންނަށް މާލޭގެ ކޮންމެ އަވަށަކަށް ވެސް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ މުބާރާތް އިންތިޒާމްކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 50 ޓީމެއް ވާދަކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރަނަރަޕް ފޭދޫ: މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހު --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތް ކުރިއަށްދަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރަކީ އަތޮޅު ބުރު ކަމަށްވާއިރު، ލީގު އުސޫލުން ކުޅުމަށްފަހު އަތޮޅު ޗެމްޕިއަންކަން ލިބޭނީ އެންމެ ކުރީގައި އޮންނަ ޓީމަށެވެ. އަތޮޅު ޗެމްޕިއަނުން ވާދަކުރާ ޒޯން ބުރު ވެސް ލީގު އުސޫލުން ކުޅުމަށްފަހު ޗެމްޕިއަންކަން ލިބޭނީ އެންމެ ކުރީގައި އޮންނަ ޓީމަށެވެ. އަދި ޒޯން ބުރުގެ ރަނަރަޕާއި ޗެމްޕިއަނުންނަށް މުބާރާތުގެ ފައިނަލް ބުރުން ޖާގައެއް ލިބިގެންދާނެއެވެ.

މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިއަހަރުގެ މުބާރާތް ހުޅުވާ މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި މިއަހަރުގެ ސެޕްޓެމްބަރު މަހު ފަށާ އައިލެންޑް ކަޕްގެ ޗެމްޕިއަން ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތައް ނުވަތަ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 9994470އަށް ގުޅުމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެދެއެވެ. އަދި އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ފޯމް ހުށަހަޅާއިރު، ޓީމު ލިސްޓުތައް ހުށަހަޅަންޖެހޭ ތާރީހެއް ވެސް އަންގާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.