ޕެސިފިކް އެސޯއިއޭޝަން އޮފް ޓުއާ އޮޕަރޭޓަރސް (ޕާޓާ)އިން ރާއްޖޭގައި ބާއްވާ ޚާއްސަ ކެޕޭސިޓީ ބިލްޑިންގް ވޯކްޝޮޕް މާދަމާ ބަނޑޮސް އައިލެންޑް ރިސޯޓުގައި ފަށާނެއެވެ.

"ޕާޓާ އެކެޑެމީ"ގެ ނަމުގައި، ޕާޓާއިން ކޮންމެ އަހަރަކުވެސް ދެފަހަރަކު ޚާއްސަ ނެޓްވޯކިންގް ވޯކްޝޮޕްތަކެއް ބާއްވައެވެ. މި ވޯކްޝޮޕްތައް އާންމުކޮށް ބާއްވަނީ ތައިލެންޑްގެ ބެންގްކޮކްގައި ހުންނަ ޕާޓާގެ ހެޑް އޮފީހުގައެވެ. މާދަމާ ރާއްޖޭގައި ބާއްވަނީ، ތައިލެންޑުން ބޭރުގައި ބާއްވާ ފުރަތަމަ ޕާޓާ އެކެޑެމީ އިވެންޓެވެ.

އެގޮތުން މާދަމާ ޕާޓާއިން ރާއްޖޭގައި ބާއްވާ ޕާޓާ އެކެޑެމީ ސެޝަންތައް ކުރިޔަށް ދާނީ "ދަ އާޓް އޮފް ސްޓޯރީޓެލިންގް"ގެ މައުޟޫއުގެ ދަށުންނެވެ. އެއީ ޓްރެވަލް ބްލޮގިންގްއަށް ބެހޭ ސެޝަންތަކެކެވެ.

ޕާޓާއިން މި ސެޝަންތައް ރާއްޖޭގައި ބާއްވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ)އާ ގުޅިގެންނެވެ.

މީގެ ކުރިން މި ސެޝަންތައް ބާއްވަން ހަމަޖެހިފައި އޮތީ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް ފެއާ)ގެ ހަވާސާގައެވެ. އެހެން ނަމަވެސް މިހާރު މަޓާޓޯއިން ނިންމާފައިވަނީ، ޕާޓާ އެކެޑެމީގެ ދެޝަންތައް ބަނޑޮސް އައިލެންޑް ރިސޯޓުގައި، ވަކި ހަރަކާތެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށެވެ.

މާދަމާއާއި ބުރާސްފަތި ދުވަހުވެސް ކުރިޔަށްދާ މި ހަރަކާތުގައި ސެޝަންތަކުގައި ވަހަކަދައްކާ ފަރާތްތަކުގެ ތެރޭގައި، ހޮލީވުޑްގެ ބައެއް ސްޓޫޑިއޯތަކާ އެކު މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކެނެޑާގެ ޑައިރެކްޓަރ އަދި ސިނެމަޓޮގްރަފަރު ކައިލް ސެންޑިލެންޑްސް، ޓްރިޕް މީގެ ހެޑް އޮފް ގްރޯތު ޓްރެވަރ ވެލްޓްމަން، ސްކޮޓް އެކްސްޕީރިއަންސް ޑިޒައިންގެ ފައުންޑަރ ޑުންގް މޮސް ޑަންގް، އަދި ޕްރޮފެޝަނަލް ޓްރެވަލް ބްލޮގަރސް އެސޯސިއޭޝަންގެ ރައީސް މެޓް ގިބްސަން ހިމެނެއެވެ.