11 Jul 2017, 16:49
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު މުހައްމަދު ބޭރު ކުރަން އިދިކޮޅު ފަރާތްތަކުން ތިބީ ފޫގަޅާލައިގެންނެވެ. 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރުގެ މައްސަލަވެސް ހުށަހަޅައިފި އެވެ. ތިބީ ވަރަށް ޔަގީން ކަމާ އެކު އެވެ.
ހަމަ އެގޮތަށް މަސީހު ސަލާމަތް ކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރު މެމްބަރުންވެސް އަންނަނީ ދެމުންނެވެ. އެބޭފުޅުން ވިދާޅުވަނީ "ގޭމް ޕްލޭން ބަދަލުކޮށްލީ" ކަމަށެވެ. އަދި 24 ވަނަ ދުވަހު މަޖިލީހުން ނުކުންނާނީ މަސީހަށް ރައީސް ކަމުގެ ގޮނޑި ދިފާއުކޮށްދީ ހިނިތުން ވަމުން ކަމަށް ޕީޕީއެމް މެމްބަރުން ވިދާޅުވެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތައް އަމާޒުވީ އެބޭފުޅުންގެ ގޭމް ޕްލޭނާ ބެހޭގޮތުންނެވެ. ނަމަވެސް އެބޭފުޅުން ވިދާޅުވީ އެއީ " ބޮޑު ސިއްރެއް" ކަމަށެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އުފެއްދެވީ ސުވާލެކެވެ.
"ފުޓުބޯޅަ ކުޅޭއިރު ދެ ޓީމުގެ ކޯޗުން އެކަކު އަނެކަކަށް ގުޅާ ގޭމްޕްލޭން ވިދާޅުވޭތޯ؟" އަދުރޭ ވިދާޅުވި އެވެ.
އަނެއްކާވެސް ހަމަ އެވާހަކަ އެހެންގޮތަކަށް ނަގާ ނޫސްވެރިއަކު ސުވާލު ކުރި އެވެ. ސަރުކާރުން މަސީހުގެ ވޯޓު ކާމިޔާބުވާނެ ކަމަށް ނިންމަނީ ސުޕްރީމް ކޯޓުގެ ރޫލިންގް ނިންމާ ނިންމުމަކާ އެއްކޮށްތޯ އެވެ.
އެސުވާލަށް ޖަވާބުދެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. ވިދާޅުވީ ސުޕްރީމް ކޯޓުގެ ރޫލިންގް އަކުން މަސީހުގެ ވޯޓަށް އެދެވޭ އަދި ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. ނިހާން އެ ވިދާޅުވީ ސުޕްރީމް ކޯޓުން ރޫލިން ނުނެރުނަސް މަސީހުގެ ވޯޓު ކާމިޔާބު ކުރާނެ ވާހަކަ ކަމަށް ބެލެވެ އެވެ.
ސުޕްރީމް ކޯޓަށް ބަންޑާރަނައިބު ހުށަހަޅާފައިވާ ހުށަހެޅުމުގައި ވާގޮތުން ޕާޓީން ވަކިވިޔަސް ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ގެއްލޭނެ އެވެ. އަދި އެކަމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަވައެވެ.
ސަރުކާރު މެމްބަރުން ދައުލަތުގެ އެ ހުށަހެޅުމަށް ތާއީދުކޮށް ވާހަކަ ދައްކަވަނީ އެބޭފުޅުން ވިދާޅުވާ ގޮތުން މަޖިލީހުގެ ތެރޭން ކޮރަޕްޝަން ހުއްޓުވުމަށެވެ. ކުއްލިއަކަށް ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން މަސަކަތް ފެށީމަ ގިނަ ބައެއްގެ މެދުގައި ސުވާލުތަކެއް އުފެދޭނެ އެވެ.
އެސުވާލުތަކަށް ނިހާން ދެއްވި ޖަވާބަކީ މީގެކުރިންވެސް ކޮރަޕްޝަން އޮންނަކަން އެނގޭ ކަމަށާއި އެހެންނަމަވެސް މިދުވަސް ވަރަކީ އެކަންތައް މާ ބޮޑަށް ހިންގާ ކަމަށް ފާހަގަކުރެވޭ ދުވަސްވަރަކަށް ވާތީ އަވަހަށް އެކަން ހުއްޓުވުމަށް އެޅެން ހުރި ފިޔަވަޅަކަށް ހެދުމަށް ދައުލަތުގެ ހުށަހެޅުމަށް ތާއީދު ކުރަނީ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މަޖިލީހުގައި ކޮންމެ ގޮތަކަށް ވޯޓު ނެގިޔަސް މަސީހު ބޭރުކޮށް ކޮށްލާނެ ކަމަށެވެ. އެބޭފުޅުން ވިދާޅުވަނީ 50 ހަށް ވުރެ ގިނަ ވޯޓު މަސީހާ ދެކޮޅަށް ލިބޭނެ ކަމަށެވެ.
ޕާޓީ ބަދަލުކޮށްގެން މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނަމަ މިފަހަރު 25 މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އޭގެތެރޭގައި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުވެ ހިމެނޭނެ އެވެ.