18 Jul 2011, 16:05
ލަންޑަން (18 ޖުލައި) އިނގިރޭސިވިލާތުގައި މިހާރު ފެންމަތިވެގެންއުޅޭ އާންމު ރައްޔިތުންގެ ފޯންކޯލްތައް ސިއްރުން އަޑުއެހުމުގެ ފަޟީޙަތާ ގުޅިގެން އިނގިރޭސި ފުލުހުންގެ އެންމެ އިސްވެރިޔާ އަދި ލަންޑަން ފުލުހުންގެ ކޮމާންޑަރު ސާ ޕޯލް ސްޓީވެންސަން އިސްތިއުފާ ދެއްވައިފި އެވެ.
އެކަމާ ބެހޭ ގޮތުން ދެއްވި ބަޔާނެއްގައި ސްޓީވެންސަން ވިދާޅުވީ އިނގިރޭސިވިލާތުގެ މީޑީޔާ ގްރޫޕެއް ކަމަށްވާ "ނިއުސް އިންޓަރނޭޝަނަލް"ގެ ނޫހެއް ކަމަށްވާ "ނިއުސް އޮފް ދަ ވޯލްޑު"ން ހިންގިކަމަށް ތުހުމަތު ކުރެވިފައިވާ ޢާންމުންގެ ޓެލެފޯން ކޯލްތައް ސިއްރުން އަޑުއެހުމުގެ މައްސަލައާ ބެހޭ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމުގަ އެވެ. އަދި އެފަޟީޙަތް ނިސްބަތްވާ ނިއުސް އޮފް ދަ ވޯލްޑް" ނޫހުގެ މަސްއޫލުވެރިންނާ އެއްވެސް މުޢާމަލާތެއް ހިންގާފައިނުވާނެ ކަމަށް ވެސް ސްޓީވެންސަން ވިދާޅުވި އެވެ.
ސްޓީވެންސަން މިއަދު މަޤާމުން އިސްތިއުފާދެއްވީ އެމައްސަލާގައި “ނިއުސް އޮފް ދަ ވޯލްޑް” ނޫހުގެ މަސްއޫލުވެރިންގެ މައްޗަށް ތަޙްޤީޤް ހިންގުމަށް ފަސްޖެހިވަޑައިގަތުމާއި އެނޫހުގެ ފަރާތުންނާއި އެ ނޫން ވެސް ބައެއް ނޫސްތަކުން ރިޝްވަތު ޤަބޫލުކުރެއްވި ކަމުގެ ޚަބަރުތަކެއް ފެތުރުމާ ގުޅިގެންނެވެ. އެއް ޤަރުނަށް ވުރެ ދިގު މުއްދަތެއްގައި ޚިދްމަތްކޮށްފައިވާ "ނިއުސް އޮފް ދަ ވޯލްޑް" ނޫސް، މިފަޟީޙަތާ ގުޅިގެން މިދިޔަ ހަފްތާގައި ވަނީ ނެރުން ހުއްޓާލާފަ އެވެ.