ކެންޔާ ސަރުކާރުގެ އިސްވެރިންގެ މުސާރަތައް ކުޑަ ކުރަން އެގައުމުން ނިންމައިފިއެވެ. އޭގެ ތެރޭގައި ކެންޔާގެ ރައީސާއި، ގާނުނު ހަދާމަޖުލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

މުސާރަތައް ކުޑަކުރާއިރު އެލަވަންސްތައް ކުޑަކުރުމަށްވެސް ވަނީ ނިންމާފައެވެ. އޭގެ ސަބަބުން އަހަރަކު 81.9 މިލިއަން ރުފިޔާ ކެންޔާއަށް ސަލާމަތްކުރެވެއެވެ.

މުސާރަތައް ކުޑަކުރަން ނިންމާފައިވަނީ މިއޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބާ ވަރަށް ކައިރިވެފައިވަނިކޮށެވެ.

ކުރިއަށް އޮތް އިންތިހާބުގައި ވަނީ ކެންޔާގެ ރައީސާއި، ގާނޫނު ހަދާމަޖުލީހުގެ މެމްބަރުންނާއި އަދި ސަރަހައްދީ އޮފިޝަލުން ހޮވުމަށް ހަމަޖެހިފައިވެއެވެ.

ކެންޔާގެ ގިނަ ރައްޔިތުން ދެކޭގޮތުގައި ކެންޔާގެ އިސްވެރިންނަކީ ކޮރަޕްޝަނުން ފޯވެފައިތިބި ބައެކެވެ. މި ނިންމުމުގެ ސަބަބުން އާންމުން ސަރުކާރުގެ އިސް އޮފިޝަލުންނާ ދޭތެރޭ ދެކޭގޮތް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

ކެންޔާގެ ގާނުނުހަދާ މަޖުލީހުން 2013 ވަނައަހަރު ވަނީ އެމީހުންގެ މުސާރަތައް 130 އިންސައްތައިން އިތުރުކުރުމަށް ފާސްކޮށްފައެވެ. މުސާރަތައް ބޮޑުކުރުމުގެ ކުރިން މުޅި ދުނިޔޭގައިވެސް ގާނޫނުހަދާ މަޖުލީހުގެ މެމްބަރަކަށް ލިބޭ އެންމެ ބޮޑު މުސާރަ ލިބެނީ ކެންޔާގެ ގާނޫނު ހަދާ މަޖުލީހުގެ މެމްބަރުންނަށެވެ.

ކެންޔާގެ މުސާރައާއި އަދި އިނާޔަތްތަކުގެ ކޮމިޝަނުން ހާމަކުރިގޮތުގައި މުސާރަތައް ކުޑަކުރުމުން ގާނޫނުހަދާ މަޖުލީހުގެ މެމްބަރަކަށް ދެން ލިބިވަޑައިގަންނަވާނީ 621250 ޝިލިންގްސްއެވެ. ކުރިން ގާނޫނު ހަދާމަޖުލީހުގެ މެމްބަރަކަށް ލިބިވަޑައިގެންނެވީ 710000 ޝިލިންގްސް އެވެ.

ކެންޔާގެ މިހާރުގެ ރައީސް އުހުރު ކެންޔާޓާ ހާމްކުރިގޮތުގައި ސަރަުކާރުގެ އިސްމުވަައްޒިފުންނަށް މިހާރު ކުރަމުންދާ ބޮޑު ހޭދައިގެ ސަބަބުން ކެންޔާގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ދަނީ ވަރަށް ބޮޑު ދަތިތަކެއް ދިމާވަމުންނެވެ.

ކެންޔާއަކީ ފަގީރު ގައުމަކަށް ވާއިރު އެގައުމުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މިހާރު އުޅެނީ 40 އިންސައްތައިގައެވެ.