އަލުން އެވަޓަންއާ ގުޅުނީ އެއީ ރިޓަޔާވާނެ ކްލަބަށް ވާތީކީ ނޫން ކަމަށާއި އެ ކްލަބާ ގުޅުނީ ކާމިޔާބު ހޯދަން ކަމަށް މެންޗެސްޓާ ޔުނައިޓެޑުން އެވަޓަނާ ގުޅުނު ތަޖުރިބާކާރު ފޯވަޑް ވޭން ރޫނީ ބުނެފިއެވެ.

ޔުނައިޓެޑުގައި 13 އަހަރު ހޭދަކުރި އެ ކްލަބުގެ ކެޕްޓަން އަލުން އެނބުރި އެވަޓަނާ ގުޅުނީ ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހުއެވެ. އުމުރުން 31 އަހަރުގެ ރޫނީއަކީ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ.

ރޫނީ ބުނީ، އެހެން ކްލަބުތަކުން ހުށަހެޅުންތައް ލިބުނު ނަމަވެސް އޭނާ އެންމެ ޝައުގުވެރިވީ އެވަޓަނާ ގުޅުމާއި އަލުން ރޮނަލްޑް ކޮއެމަންއާއެކު މަސައްކަތްކޮށްލުން ކަމަށެވެ.

އެވަޓަންއާ އަލުން ގުޅުމަށްފަހު ތަޖުރިބާކާރު ފޯވަޑް ވޭން ރޫނީ، އެ ކްލަބާއެކު ފުރަތަމަ ފަރިތަކުރުމުގެ ސެޝަންގައި ބައިވެރިވަނީ ---

"އަހަރެން އަބަދުވެސް ކުޅެނީ ކޮންމެވެސް ކަމެއް ސާބިތުކޮށްދިނުމުގެ އަޒުމުގައި. އަހަރެން އެވަޓަނާ ގުޅުނީ އެއީ އަހަރެން ރިޓަޔާވާނެ ކްލަބަށް ވާތީކީ ނޫން. އަހަރެން ބޭނުންވަނީ ކުޅެގެން ކާމިޔާބު ހޯދަން. އެއީ އަހަރެންގެ ކެރިޔަރުގެ މިހާ ހިސާބުން ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް،" އޭނާ ބުންޏެވެ.

ރޫނީ ބުނީ، ފުޓްބޯޅަ ކުޅެނީ ޓްރޮފީތައް ހޯދުމަށް މަސައްކަތްކުރަން ކަމަށާއި އަޒުމަކީ ވެސް އެއީ ކަމަށެވެ. އަދި އެވަޓަނާއެކު އެފްއޭ ކަޕް 1995ގެ ޗެމްޕިއަންކަން ހޯދި އުފާވެރި ހަނދާންތައް އަދިވެސް އާލާވާ ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން ރޫނީ ވަނީ އެވަޓަންގެ ކޯޗު ރޮނަލްޑްއާ ގުޅޭގޮތުން ވެސް ވާހަކަދައްކައިފައެވެ.

"އަހަރެންނަށް އެނގޭ މި ޓީމަށް އެންމެ ރަނގަޅު މީހަކީ ރޮނާލްޑްކަން. އޭނާއަކީ ވަރަށް ކާމިޔާބު ކޯޗެއް. ރޮނަލްޑް އަހަރެން ބޭނުންވާކަން އެނގުމުން އަހަރެން އިތުރަށް އެކަމާމެދު ވިސްނާކަން ނުޖެހުނު. އެހިސާބުން އަހަރެންނަށް އެނގުނު ދެން ކުޅެންވީ ކްލަބަކީ އެވަޓަންކަން،" ރޫނީ ބުންޏެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޓީމުން ރޫނީއަށް ފުރުސަތު ލިބިފައިވަނީ މަދު މެޗެއްގައެވެ. އެކަމުގެ ސަބަބުން އޭނާ އަށް ވަނީ އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ގެއްލިފައެވެ. ރޫނީއަކީ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމަށް ވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ.

ކުރިން އެވަޓަނަށް ކުޅުމަށްފަހު 2004 ވަނަ އަހަރު ޔުނައިޓެޑާ ރޫނީ ގުޅުނީ 25.6 މިލިއަން ޕައުންޑްގެ އަގަކަށެވެ. ރޫނީ އެވަޓަންއާ ގުޅުނީ ދިހަ މިލިއަން ޕައުންޑްގެ އަގަކަށް ކަމަށް ހަބަރުތައް ބުނަމުންދެއެވެ.